ވިލާ ޝިޕިންއާ ދެކޮޅަށް ސަރުކާރުންކޮށްފައިވާ ދައުވާ އަބުރާ ގެންގޮސްފިއެވެ.

ސަރުކާރުން ވިލާ ޝިޕިން ކުންފުނީގެ މައްޗަށް ކޮށްފައިވަނީ ދައުލަތަށް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ 74މިލިއަން ރުފިޔާ ނުދެއްކި މައްސަލައެވެ. އެ ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރި ދައުވާ އަނބުރާ މިހާރުވަނީ އަބުރާ ގެންގޮސްފައެވެ. ވިލާ ޝިޕިންއާ ދެކޮޅަށް މީރާ އިން ތިން ދައުވާއެއް ކުރީ މިދިޔަ މަހު އެވެ. އޭގެ ތެރެއިން އެއް މައްސަލައިގައި ހިމެނޭ 1.2 މިލިއަން ޑޮލަރު (18 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ވިލާ އިން ދެއްކުމުން އެ ދައުވާ މީރާ އިން ކުރިން އޮތީ އަނބުރާ ގެންގޮސްފަ އެވެ.

އަނެއް ދެ މައްސަލައިގައި ހިމެނޭ 3.2 މިލިއަން ޑޮލަރު (49 މިލިއަން ރުފިޔާ) އާއި 7.4 މިލިއަން ރުފިޔާ ވިލާ އިން މީރާ އަށް ދައްކާފައިވާ ކަމަށް މީރާ އިން ސިވިލް ކޯޓަށް އަންގާފައި ވުމާއިއެކު މިހާރު އެމައްސަލަ ހައްލުވެފައިވާ ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.

ވިލާގެ ހަތަރު ރިސޯޓެއް ކަމަށްވާ ސަން އައިލެންޑާއި ފަން އައިލެންޑާއި ޕެރަޑައިސް އައިލެންޑް ރިސޯޓާއި ހޮލިޑޭ އައިލެންޑް ރިސޯޓުން ދައުލަތަށް ދައްކަންޖެހޭ ޖީއެސްޓީ އާއި އެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ ގެ ގޮތުގައި އެރި 3.2 މިލިއަން ޑޮރަލާއި ވިލާ ޝިޕިންއިން ޖީއެސްޓީގެ ގޮތުގގައި ދައްކަންޖެހޭ 7.4 މިލިއަން ޑޮލަރުވަނީ މިހާރު ދައުލަތަށް ދައްކާފައެވެ.

މީގެ އިތުރުން ވިލާގެ އެކި ކުންފުނިތަކަށް ދޫކުރި ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 166 މިލިއަން ޑޮލަރު (2.5 ބިލިއަން ރުފިޔާ) ހޯދަން ދައުލަތުން ދައުވާކުރާ މައްސަލަތައް ކޯޓުގައި ދަނީ ހިނގަމުންނެވެ. މިދައުވާއަށް ވިލާއިން ދަނީ އިންކާރުކޮށް މިއީ ދައްކަންޖެހޭ އެއްޗެއް ނޫންކަމަށް ވިލާއިން ބުނެއެވެ.

ވިލާއިން ދައްކަން ޖެހޭ ފައިސާ ނުދައްކާ އޮތުމުން އެ ކުންފުނީގެ ރިސޯޓްތަކަށް ދޫކުރި އޫރުމަހާއި ރާ އެތެރެ ކުރުމުގެ ހުއްދަ ސަރުކާރުން މިދިޔަ މަހު ވަނީ ހިފަހައްޓިނަމަވެސް ވަގުތީ ގޮތުން އެތަކެތި އެތެރެ ކުރުމުގެ ހުއްދައްވަނީ ދީފައެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަސަން

    ޤާސިމް އިބްރާހީމް.... ޅައެއްޗެއް ނައަޅުއްވާނެކަމަށް ހީކުރަން.

  2. ކަޅި

    ވަގުތީ ހުއްދަ އަށްވެސްވީ ސްޕްރީމް ކޯޓް އަމުރަށް ވީގޮތަށް ..

  3. އައްޔަ

    ދައްކަން ނުޖެހޭ ޢަދަދުގެ ތެރެއިން ބައެއް އެ ދެއްކީ. ދެން ދީފައިވާ ރައްތަކާ ފަޅުތަކަކީ ހިލޭ ދީފައިވާ ތަންތަން، އެހެންވެތާ ދޭންޖެހޭފައިސާއެއް ދެންނެތްވާހަކަ އެ ގޮވަނީ>>>>