ކ. ހިންމަފުށިން އިއްޔެ އަލަށް ފައްސިވި 14 މީހުންނާއި އެކީ އެރަށުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 122 އަށް އަރައިފިއެވެ.

ހިންމަފުށީގައި އެންމެ ފުރަތަމަ ކޮވިޑް-19 ފެތުރެން ފެށީ، އެ ރަށުގައި ހުންނަ އައްސޭރި ޖަލުގައެވެ. އޭގެ ފަހުގައި މުޅި ރަށަށް ބަލި ފެތުރިފައިވާ އިރު، ހިންމަފުއްޓަކީ މިހާރު ރާއްޖޭގެ ރަށްރަށުގެ ތެރެއިން އެންމެ ހަލުވިކަމާއެކު ބަލި ފެތުރޭ އެއް ރަށެވެ.

ހިންމަފުށިން ކޮވިޑަށް ފައްސިވި މީހުންގެ ތެރޭގައި ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާއި ޖަލުގެ ކޭޓަރިން ބައިގައި އުޅޭ ބައެއް މީހުންނާއި ރަށުގެ ބައެއް ފެކްޓަރީތަކުގައި މަސައްކަތް ކުރާ ބިދޭސީން ވެސް ހިމެނެއެވެ.

ކޮވިޑަށް މީހުން ފައްސިވަމުންދާތީ މިހާރު އެ ރަށުގެ ގިނަ ގެތަކެއް ހުރީ ކަރަންޓީނު ކޮށްފައެވެ.

އެ ރަށު ސިއްހީ މަރުކަޒުން ކުރިން ބުނީ ކޮވިޑަށް ފައްސިވި މީހުންނާއި ގާތުން އެއްތާންވި މީހުންނާއި ރޯގާ ޖެހިގެން ފްލޫ ކްލިނިކަށް ގޮސް ޑޮކްޓަރަށް ދައްކާ މީހުންގެ ތެރެއިން ގިނަ ބަޔަކު ކޮވިޑަށް ފައްސިވަމުން އަންނަ ކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ އިން ރަށުން ސުންކު ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސިއްހީ މަރުކަޒުން ވަނީ ބުނެފައެވެ.

އެރަށުގައި ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނާތީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން މިހާރު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން، ކޮވިޑް-19 ބޮޑަށް ފެތުރެނީ މާލެ އަށް ވުރެ ބޮޑަށް ރާއްޖޭގެ ރަށްރަށުގައެވެ. އެގޮތުން ލ. މާންދޫ އއ. މަތިވެރި އާއި ބ. އޭދަފުއްޓާއި ކ. މާފުއްޓާއި ތ. ވޭމަންޑޫ އާއި ޅ. ނައިފަރުގައި ވޭދަނަތައް ވަރަށް ބޮޑަށް އިތުރެވެ. މިއީ ކޮވިޑްގެ އެކްޓިވް ވޭދަނަތައް އެންމެ ގިނަވެފައިވާ ރަށްތަކެވެ. މިއިން ކޮންމެ ރަށަކުން 100 އަށް ވުރެ ގިނަ ވޭދަނަ މިހާރު ވަނީ ފެނިފައެވެ.

ރާއްޖެއިން މިހާތަނަށް 30،745 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެ ތެރެއިން 25،068 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މި ބަލީގައި މިވަގުތު 5،594 މީހަކަށް ފަރުވާ ދެމުން އަންނައިރު، 172 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ.

މި ބަލީގައި ރާއްޖެއިން 74 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޚޮވިޑް

    ހަގީގަތަކީ ކޮވިޑު އުޅޭކަން ބަޔަކު ގަބޫލު ނުކުރުން. ހިންމަފުށިން ސާމްޕަލް ނަގާފައި ހުރިގޮތަށް ބަލާއިރު. އާންމު ފަރުދުންގެ ރެންޑަމް ސާމްޕަލް ނެގުމަށް އެއްބާރުލުން ދީފައި ނުވާކަމަށް ވަނީ. އެހެން ވީމަ ސާމްޕަލް ނަގާ ބައެއްގެ ނަތީޖާތާ ފައްސި ވާނީ ވެސް. . ހިންމަފުށިން މާލެ އަންނަ ފަރާތްތައް ބަރާބަރަށް އެކަން ކުރޭ. އަދި ވޯޓުގެ ފަހުން ހައްދު ފަހަނަ އަޅާފަ. ލޯންޗު އަދި ރަށު ފެރީގައި މާލެ އާދޭ. . ސުންކު ނެގި ހިސާބުން އެނގިގެން ދިޔައީ ރަށު ތެރޭގައި ފެތުރިފައި އޮތްވަރު. . ޖަލުގައިވެސް ކޮވިޑް އޮތް އެކަމު ރަށު ތެރެއަށް ކޮވިޑް ނުފެތުރި ޖަލަށް ވަނުމުގެ ފުރުސަތު ކުޑަ ކަމަށް މައުލޫމާތު ލިބެނީ. .