ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލުވާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާނުލެވި ތަކުރާރުކޮށް ކުށަށް އަރައިގަންނަމުންދާތީ އެފަދަ މީހުން ފަސޭހަކަމާއެކު ޑީޕޯޓްކޮށްލެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމަށް މޯލްޑިވްސް އިމިގްރޭޝަނާއެކު ފުލުހުން މަޝްވަރާކޮށްފިއެވެ.

އިއްޔެ އިސްކަންދަރު ބިލްޑިންގައި ބޭއްވި އެ ބައްދަލުވުމުގައި މާލެ ސިޓީ ޕޮލިސްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އާއި މާލެ ސިޓީގެ ޕޮލިސް ސްޓޭޝަންތަކުގެ އިސްވެރިންނާއި ޖެނެރެލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް އަދި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އިސްވެރިން ބައިވެރިވިއެވެ.

ފުލުހުން ވިދާޅުވީ އެ ބައްދަލުވުމުގައި ބިދޭސީން ކުށުގެ ވެށީގައި ހަރަކާތްތެރިވަމުންދާ ގޮތާއި އެމީހުންގެ ފަރާތުން މުޖުތަމައަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން ލޯނަރު ވަގަށް ނެގުމާއި، މަސައްކަތްކުރާ ސައިޓްތަކުގައި ހުންނަ އިލެކްޓްރިކް ސާމާނުފަދަ ތަކެއްޗާއި އެހެންވެސް ތަކެތި ވަގަށް ނަގައި އެތަކެތީގެ ވިޔަފާރި ހިންގާކަމާއި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ހިންގުމުން ފެށިގެން ތަފާތު އެކި ކުށްތަކުގައި ބިދޭސީންގެ ބައިވެރިވުން ފާހަގަކުރެވިފައިވާ ކަމަށާއި މިފަދަ ގިނަ މައްސަލަތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ޑޮކިއުމަންޓްސް ނެތި ރާއްޖޭގައި އުޅެމުންދާ ބިދޭސީންކަން ފާހަގަކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އިމިގްރޭޝަންގެ ފަރާތުން ބައިވެރިވި އޮފިސަރުން ވެސް ވަނީ ބިދޭސީންގެ މައްސަލަތަކުގައި ހުރި ގޮންޖެހުންތައްވެސް ހިއްސާކޮށްފައެވެ. އެގޮތުން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި މިހާރު ތިބި މީހުންތައް ފޮމުވާލުމުގައި އެކި ކަހަލަ ލަސްވުންތައް ހުރުމުން އިތުރު މީހުން ނެގުމަށް ދަތިތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ. އަދި މިހާރުން މިހާރަށް އެޅެން ހުރި ފިޔަވަޅުތައް ދެނެގަނެ ދެފަރާތުން އެއްބާރުލުންދީ އެކުގައި މަސައްކަތްކުރުމަށް މަޝްވަރާ ކުރިއެވެ.

ކުށުގެވެށިން ގެންނަ ބިދޭސީން ޑީޕޯޓްކޮށްލަން ފަސޭހަގޮތްތަކެއް ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން މަޝްވަރާކޮށްފައިވާއިރު ލިޔެކިޔުމެއް ނެތު ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީން ގައުމަށް އަނބުރާ ފޮނުވާލުމުގެ މަސައްކަތްތައްވެސް ކުރިޔަށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިތުބާރު

    ކޮންމެ ސަރުކާރަކަށް ވެސް އެއްމެފަސޭހައިން ހުއްޓުވާ ކުށަކީ ސައިކަލް ރޯޑްވާދިނަސް ނެތުމުގެކުއް
    ބިދޭސިން ކުއްކުރީމަ ދެފަރާތުން ފިރުމާ ބޯނަސް މަޖިލީހުގައި ތިބޭ ރމ މކުނު ތައް ބިދޭސީންގެ ޑީޕޯޓް ކުރިޔަ ނުދޭން މޭޒްތަކުގެ މަށްޗަށް
    މިވެސް ދައުލަތެކޯ..

  2. ޢަލިބެ

    ތިކަމެއްނުވާނެ ކުރެވޭވަރުގެ ކަމެއް ހޯދައިގެން އެނަމަކާއުޅޭ

  3. ކަންމަތީ ހޮޓަލުން

    "ކުށް ކުރާ ބިދޭސީން ފަސޭހައިން ޑީޕޯޓްކުރެވޭނެ އިންތިޒާމު ހަމަޖައްސަނީ" އަޅެކޮންބައެއްތަ ޤާނޫނާ ގަވާއިދާ ހަދާނީ؟ މީހަކު ދެބަން ދިހާރަ ވެދާނެއްނު. މިވަރުގެ ކަމެއްވެސް ނެތް ހަމަޖެހިފައި