މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އިންޑިއާގެ އުފެއްދުމެއް ކަމަށްވާ ކޮވިޝީލްޑް ވެކްސިން ހުސްވުމާ ގާތަށް ގޮސްފައިވާ ކަމުގެ އަޑު ފެތުރިފައި އޮތް ދަނޑިވަޅެއްގައި އެޗްޕީއޭ އިން ޓުވީޓެއްގައި ވިދާޅުވީ މިއަދުން ފެށިގެން މާލެ ސަރަޙައްދުގައި ކޮވިޝީލްޑް ވެކްސިން އާންމުކޮށް ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

އަލުން ޖަހަން ފެށޭނެ ތާރީހެއް ފަހުން އިއުލާން ކުރެވޭނެ ކަމަށް އެ ޓުވީޓުގައިވެއެވެ.

ކޮވިޝީލްޑަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ޖެހި ވެކްސިނެވެ. އެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ދެ ލައްކަ އަށް ވުރެ މައްޗެވެ. އަދި 12 ހަފްތާ ހަމަވެގެން އެ ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ޖެހޭ މީހުންގެ އަދަދު ވެސް 20،000 އަށް ވުރެ މައްޗަށް އަރައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ދޭން ފެށި ވެކްސިން ޖެހުން ހުއްޓާލަން ނިންމި ސަބަބެއް އެޗްޕީއޭ އިން އަދި ހާމައެއް ނުކުރެއެވެ.

އެކަމަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ރޭ ވިދާޅުވީ ރާއްޖޭގައި ދެމުން އަންނަ ވެކްސިނުގެ އަދަދު މަދުވެެފައިވާކަން ހެލްތު މިނިސްޓްރީންނާއި، ހެލްތު ޕްރޮޓެކްޝަންް އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށެވެ. ނަމަވެސް މިވަގުތު ހުރީ ކިހާ އަދަދެއްގެ ވެކްްސިނެއް ކަމެއް އަދި ސާފު ނުވާކަމަށް މަބްްރޫކް ވިދާޅުވިއެވެ.

ކޮވިޑުން އަރައިގަތުމަށް މިދިޔަ ފެބުރުއަރީ މަހު ރާއްޖޭގައި ވެކްސިނޭޝަން ޕްރޮގްރާމް ފަށައި މާލެ އާއި އަތޮޅުތަކުގައި ވެސް މިހާރު ވަނީ ދެ ވަނަ ޑޯޒު ޖަހަން ފަށައިފައެވެ. ކޮވިޝީލްޑްގެ އިތުރުން ރާއްޖޭގައި މިހާރު ޖަހަނީ ފައިޒާ ވެކްސިނާއި ޗައިނާގެ ސިނޮފާމް ވެކްސިނެވެ.

މާލޭގައި ކޮވިޝީލްޑް ވެކްސިން ދިނުން ވަގުތީ ގޮތުން ހުއްޓާލާފައި މިވަނީ މެދުކެނޑުމެއް ނެތި ދެވޭވަރަށް ރާއްޖޭގައި ވެކްސިން އެބަހުރި ކަމުގެ ޔަގީންކަން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ދާދި ފަހުން ވިދާޅުވެފައި ވަނިކޮށެވެ. އަދި ސިންގަޕޫރުގެ އެސްޓްރާޒެނެކާ ކުންފުނިން ގަންނަ 700،000 ޑޯޒް ވެސް އަންނަ މަހު ލިބެން ފަށާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މި އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހުގައި އިންޑިއާ ސަރުކާރުން ވަނީ ރާއްޖެ އަށް ދެ ލައްކަ ކޮވިޝީލްޑް ވެކްސިން ޑޯޒް ހަދިޔާކޮށްފައެވެ. އަދި އިތުރު ދެ ލައްކަ ކޮވިޝީލްޑް ޑޯޒް ގެނައުމަށް އިންޑިއާ އެކު އެއްބަސްވުމެއް ހަދާފައިވެއެވެ. އެ އެއްބަސްވުމުގެ ދަށުން މިހާތަނަށް ގެނައީ އެއް ލައްކަ ޑޯޒެވެ. ވެކްސިންގެ ދެ ވަނަ ބެޗް ގެންނާނެ އިރެއް އަދި ނޭނގެއެވެ.

އިއްޔެއާ ހަމައަށް ރާއްޖޭގައި 297،639 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، 108،494 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.

ރާއްޖޭގައި ފަހަކަށް އައިސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އިއްޔެ އާ ހަމައަށް ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 31،330 އަށް އަރައިފައެވެ. މި ބަލީގައި 74 މީހުން ވަނީ ނިޔާވެފައެވެ. ބަލީގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވެސް 6،033 އަށް އަރާފައިވާ އިރު، އެޑްމިޓްކޮށްގެން 173 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ކޮރަލް

  ދެން ވަގައް ސިޔާސީ ބޮޑެތިމީހުންގެ އާއިލާއަށް ވެސް ޖަހައިގެން ނުވާނެ އެވެ.

  36
  1
 2. Anonymous

  ފޭކް ވެކްސިނެއް ރައްޔިތުން ގަޔަށްޖަހަމުން ގެންދިޔަކަން މިއެނގެނީ ކޮވިޑް މިވަރަަށްފެތުރެންޖެހޭ ސަބަބެއްނެތް.

  33
  5
  • ޜިޒޮ

   ޥަގުންނަށް ހީވާނީ ހުރިހާއެއް މެންނަކީވެސް ވަގުންކަ މަށް.

   1
   13
 3. ހާލުފޮޅި

  ގަދަބާރުން މަޖުބޫރު ކޮށްގެން ފޭކް ވެކްސިން ޖަހުވާފަ މިހާރު ޖަހަނީ ފައިޒާ އޭ ކިޔާނެކަމެއް ނެތް.. ސިއްހީ ނިޒާމް ވެސް ބޮޑުތަނުން ފެއިލް ވެފަ ތިއޮތީ..

  43
  3
 4. ހުސޭނުބޭ

  އިންޑިޔާގެ އަތުގައި ހިފައިގެން ތަރައްޤީވުމެކޭ ކަޅުހިލަ ދާއެއް އައްސައިގެން ކަނޑަށް ފުންމާލުމެކޭ ވާނީ އެއްވަރު! އެންމެ މާޒުކު ދަނޑިވަޅު އިންޑިޔާކަށް ނޭގުނު ރާއްޖެއަށް އެހީވާކަށް! ކީކޭ ދެން ބުނާނީ!

  43
  2
 5. ދެރަ

  ވެކްސިން ޖެހުން ހުއްޓާލީ ވެކްސިން ހުސްވެގެންނޭ ބުނި ނަމަ ރަގަޅުވީސް. ހުސްވެގެން ނުޖެހުން އެއީ ދެރަކަމެއް. އެކަމަކު ދުނިޔޭގެ ވެކްސިން ހާލަތަށް ބަލާއިރު ނުލިބުން އެއީ އެކަށީގެންވާ ކަމެއް އަދި ހުސްވުން އެއީ ރައްޔިތުން ސަރުކާރު ދެކެ ރުޅި އަންނަންޖެހޭނެ ސަބަބެއް ނޫން. ވެކްސިނަށް އޮތް ޑިމާންޑް ކުޑަ ކުރަން ދެ ޑޯޒް ޖެހި މީހުންނަށް ދީފައިވާ ލުއިތައް އަތުލުމަކީ ރަގަޅު ކަމެއް ނޫން އަދި ކޮވިޑް ޖެހޭ މީހުންގެ ތެރޭން ހޮސްޕިޓަލް އަށް އެޑްމިޓް ކުރާ މީހުންގެ ތެރޭގައި ވެކްސިންގެ 2 ޑޯޒް ޖަހާފައި ތިބީ ކިތައް މީހުންތޯ ނުބުނެ ތިބުމަކީ ވެސް ރަގަޅު ގޮތެއް ނޫން. އަދި އެ މައުލޫމާތު ހޯދުމަކީ ޗިޕްސް ކަން އެންމެނަށް އެނގޭ.

  28
  1
 6. ޖަޒީރާމަނިކު

  މިހާރު ރައީސް ސޯލިހަށް ޖެހިފައި މިވަނީ ކޮވިޑަށްވުރެ މާނުރައްކާ ކަމެއް. ދޮގުހެދުން. އެއްދޮގު ފޮރުވަން މަބުރޫކު ލައްވާ 7 ދޮގު ހަދަންޖެހިފާ. މިހާރު ކީރިތިވެސް ނުކުރައްވާނެ.

  25
  1
 7. ދިރާސާވެރިޔާ

  ފޭކު ވެކްސިން އެއް ކަ މަށް ބުނެ ސުވާލު އުފައްދަ މުން ދަނިކޮށް އަހަރު މެން ގަޔަށް މަޖުބޫރުން ޖެހުވީ.. މިހާރު މިފެންނަނީ ވެކްސިންގެ ސައިޑު އިފެކްޓް.. ވެކްސިންގައި ހުރި ކޮރާނާ ވައިރަސް އެކްޓިވް ވަނީ 8 ހަފްތާ ވާ ދުވަހު.. 8 ހަފްތާ ވާ ހުންއައިސް އުނދަލެއް ވާކަން ފާހަގަވޭ.. ވެކްސިން ޖަހާތާ 24 ގަޑިއިރުތެރޭ ހުންއައިސް އުނދަގޫ ކުރި މަތިވި މީހަކަށް 8 ހަފްތާ ވާ ދުވަހު އުނދަގޫ ކުރި މަތި ނުވޭ. އެހެންނަ މަވެސް ވައިރަސްއަށް ޕޮޒިޓިވް ވާކަން ހާ މަވޭ..

  15
  1
 8. ލާމު

  ފުރަތަ މަ ޑޯޒަށްފަހު 12 ހަފްތާ ވީމ މަ އޮތީ ކޮން ހުކު މެއްތޯ؟ އަލުން ޖަހަން ފަށަންތޯ ޖެހެނީ؟

  18
 9. ބަތޫތާ

  އެބަހުރި ބާކީ އެތިކޮޅެއް. ދެން އޭގެ ހައްގުވެރިންނަށް އެވެސް ލިބޭނެ. މިބުނާ އެއްޗެއް ސާފުތަ

  14
 10. ޖާބެ

  މިގަޢުމުގެ ވެރިކަން އެބަޖަހޭ މިނޫން މީހަކާ ހަވާލުކުރަން މިހާރުން މިހާރައް

  19
 11. ރިޒާ

  ކިޔު އަށް ގޮސް ނަންބަރު ނަގައިގެން ވިއްކާ މީހުންނަށް ވަރުގަދަ ލަޑެއް ތިލިބުނީ.
  މިތާ އުޅޭ ސޮރަކު ވެސް 400އަށް ނަންބަރު ވިއްކާލީ

 12. ޖަޑިބު

  ޚޮބައިތަ އިންޑިއާ ބޭބެ. ނެބަރހުޑު ފަސްޓް ޕޮލިސީ އޭ ކިޔާ އަޑުއަރުވާފަ ލަޑެއްނު މިދިނީ. ދެން އެޗުޕާ އަށްވެސް ބޭރު މީހުނަށް ނުޖަހާ ދިވެހިންނައް ވެކުސިން ދިންނަމަ މިއަދު މިހެން ނުވީސް. ޢަވަހައް ވެކްސިން ގެނެސްގެން ޖަހަން އުޅެމާ