ސަރުކާރުން މަސައްކަތް ކުރަމުންދަނީ، ވީ އެންމެ އަވަސް ފުރުސަތެއްގައި، ވެކްސިންގެ އިތުރު ބެޗްތައް ހޯދުމަށް ކަމަށާއި، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި "ކޮވިޝީލްޑް" ބްރޭންޑުގެ އިތުރު ޝިޕްމަންޓެއް ހޯދުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލުމާއި ގުޅިގެން އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ވެކްސިން ޖެހުން މެދުކަނޑާލިޔަސް އެމެޖެންސީ ހާލަތްތަކުގައްޔާއި، ބަލި ހާލަތު ހުރިގޮތުން ވެކްސިން ޖަހައިދޭން ޖެހޭ ފަރާތްތަކަށް ވެކްސިން ޖަހައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ވެކްސިން އަލުން ޖަހައިދޭން ފަށާނެ ތާރީޚެއް ފަހުން އިއުލާނު ކުރާނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ކޮވިޝީލްޑް ވެކްސިނަކީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޝަނުން އުފައްދާފައިވާ ވެކްސިނެކެވެ.

ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ފެށި ވެކްސިން ކެމްޕޭނުގެ ދަށުން މިހާތަނަށް ޖުމުލަ 639,297 މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދީފައެވެ. އަދި، ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ މީހުންގެ އަދަދު 494,108 އަށް އަރައެވެ.

މިއާއެކު، ރާއްޖޭގެ ވެކްސިން ޖެހުމަށް "އެލިޖިބަލް" އާބާދީގެ 69.67 އިންސައްތަ އަށް ފުރަތަމަ ޑޯޒް ޖަހައިފައިވާއިރު ދެވަނަ ޑޯޒް ވަނީ "އެލިޖިބަލް" އާބާދީގެ 67.24 އިންސައްތަ މީހުންގެ ގަޔަށް ޖަހައިފައެވެ.