މަދަނި އިޖުރާއަތުގެ ބިލާއި ގުޅިގެން ބަަންޑާރަނައިބުގެ އޮފީހުން ދެއްކެވި ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ރައްދު ދެއްވައިފިއެވެ.

މި ބިލުގެ ކޯޅުން ފެށުނީ އިންސާފު ޤާއިމްދޭން އޮތް އެންމެ ބޮޑު ހުރަހަކީ ރައްޔިތުންގެ މަޖިލީހުގައި މަދަނީ އިޖުރާއަތްތަކުގެ ބިލްގެ މަސައްކަތް ލަސްވުމުން ކަމަށް ރައީސް އޮފީހުގެ ލީގަލް ކައުންސިލް މެމްބަރު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވި ހިސާބުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިގެން މި ވާހަކަތަކަށް އިންތި ރައްދު ދެއްވިއިރު، އަފީފްއާއި ބަންޑާރަ ނައިބުގެ އޮފީސް ވެސް ގޯސްކުރައްވައި ވާހަކަދެއްކެވިއެވެ. ފަހުން ބަންޑާރަ ނައިބުގެ އޮފީހުން ވެސް ރައްދު ދެއްވިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މި ކަމަށް ރައްދު ދެއްވުމުން، ރައްދުގައި އިންތި މިއަދު ޓްވީޓެއް ކުރެއްވިއެވެ. އިންތި ކުރެއްވި ޓްވީޓްގައި ވިދާޅުވީ ބަންޑާރަ ނައިބުގެ އޮފީހުން ބަދަލުގައި ބަޔަކަށް ފައިސާ ނަގަމުން ދަނީ އޮންނަ އުސޫލުގެ ތެރެއިން ނޫން ކަމަށާއި އެ ކަމަށް ބިލެއްގެ މަތި އެޅުވުމަކީ ވެސް އޮންނަ އުސޫލެއް ނޫން ކަމަށެވެ. އަދި ބިލެއްގެ ބައިބައި ވަކިވަކިން މަޖިލީހަށް ފޮނުވުމަކީ ވެސް އޮންނަ އުސޫލެއް ނޫން ކަމަށެވެ.

ޖުޑިޝަރީ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އިންތި ފާހަގަކުރެއްވި އެންމެ ބޮޑު ކަންބޮޑުވުމަކީ މަދަނީ އިޖުރާއަތްތަކުގެ ބިލް ވަކިވަކި ބައިބައި ފޮނުވަމުން ދިއުމެވެ. އަދި ބިލު އެއްކޮށް ފޮނުވުމަށް އެދުމުން އެ ކަން ނުކުރި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅިގެން އޭޖީއިން ވިދާޅުވީ، މަދަނީ އިޖުރާއަތުގެ ބިލު އެކުލަވާލުމުގެ މަސައްކަތަކީ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ފުރިހަމަކުރަން ޖެހުނު މަސައްކަތެއް ކަމުން، އެ ބިލުގެ ކޮމިޓީ މަރުހަލާގައި ބިލު އަލުން މުރާޖައާކޮށް ފުރިހަމަކުރުމުގެ މަސައްކަތް، ޖުޑީޝަރީ ކޮމިޓީއާ ގުޅިގެން މިދިޔަ އަހަރުގެ ތެރޭގައި ކުރި ކަމަށެވެ.

އެ ބިލު އިސްލާހު މުރާޖަޢާކުރުމުގެ މަސައްކަތް ފުރަތަމަ ފެށީ، ބިލުގެ އެކި ބައިތައް ވަކިވަކިން މުރާޖަޢާކޮށް، އެ ވަކިވަކި ބައިތަކަށް ގެންނަން ޖެހޭ އިސްލާހެއް ވާނަމަ، އެ ބައިތައް ކުރުމަށް ފަހުގައި ކޮމިޓީއާ ހިއްސާ ކުރަމުންދާ ގޮތަށް، ކޮމިޓީއާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.

ނަމަވެސް، އެފަދައިން ބިލުގެ އެކި ބައިތައް ވަކިވަކިން ކުރިއަށް ގެންދިޔުމަކީ އެންމެ އެދެވިގެންވާ ގޮތް ނޫން ކަމުގައި ކޮމިޓީން ވިދާޅުވުމުން، އެ ބިލު އެކުގައި މުރާޖަޢާކޮށް، މުޅި ބިލުގެ އިސްލާހުކޮށްފައިވާ ދެލިކޮޕީއެއް، މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއާ ހިއްސާކުރަން ނިންމުނު ކަމަށް އޭޖީ އޮފީހުން ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އޮންނަނީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންގެ އަޣުލަބިއްޔަތެކެވެ. އެ ކޮމިޓީއަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި ރައީސް އޮފީހުގެ ލީގަލް ކައުންސެލް އަފީފް ވާހަކަ ދެއްކެވީ މަންދު ކޮލެޖަށް ބަދަލު ދިނުން ދިފާއު ކުރުމުގެ ގޮތުން ކަމަށް މަޖިލިސް ކޮމިޓީގެ މި މެންބަރުން ވިދާޅުވެއެވެ. އެއީ މަންދު ކޮލެޖްގެ ލޯ ފާމްގައި އަފީފް އުޅުއްވާތީއެވެ.

މަންދު ކޮލެޖްގެ ވެރިޔަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ބޭބެ އިބްރާހިމް އިސްމާއީލް (އިބްރާ) އެވެ. ރައީސް އޮފީހުގެ ލީގަލް ކައުންސެލަކީ ފައްޔާޒާއި އިބްރާގެ ޅިޔަނެކެވެ. އަދި މި އާއިލާގެ މަސްލަހަތު އޮންނަ ބިގް ކުންފުންޏަށް ވެސް މީގެ ކުރީގައި ސަރުކާރުން ބޮޑު ބަދަލެއް ނަގައިދީފައިވެއެވެ. ރައީސް ނަޝީދާއި މި އާއިލާގެ ބޭފުޅުންނާ ދެމެދު ބަހުގެ ހަމަލާތައް ބަަދަލު ކުރެވެމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ.