ހެލްތް މިނިސްޓްރީގެ އިސް ބޭފުޅުންތަކެއް ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެ މިނިސްޓްރީން ކޮވިޑަށް ފައްސިވެފައި ވަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލާއި، އެ މިނިސްޓްރީގެ ޕާމެނެންޓް ސެކެރެޓަރީ އައިޝަތު ސާމިޔާއެވެ.

އެމިނިސްޓްރީގެ އިސް ބޭފުޅުންތަކެއް މި ބައްޔަށް ފައްސިވެފައިވާކަން އިތުބާރު ހުރި ފަރާތަކުން ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދީފައެވެ.

އެހެން ނަމަވެސް މިކަމާއި ގުޅިގެން ހެލްތް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެގޮތަށް ފައްސިވާ މީހުންގެ މައުލޫމާތު ވަކި ވަކިން އާންމު ނުކުރާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިބައްޔަށް ފައްސިވެފައިވާ އެ މިނިސްޓްރީގެ ޕީއެސް އަކީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ބޭފުޅެކެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރު އޮފީސްތައް ބަންދު ކުރަން ނިންމި ނަމަވެސް، ހެލްތް މިނިސްޓްރީގެ މުވައްޒަފުން އޮފީސް އަށް ނިކުންނަން ޖެހޭ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ރާއްޖޭގެ ކޮވިޑް-19 ހާލަތު ދުވަހުން ދުވަހަށް އަންނަނީ ގޯސްވަމުންނެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު 585 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެއިން ފައްސިވި 397 މީހަކާއި އަތޮޅު ތެރެއިން ފައްސިވެފައިވާ 160 މީހެކެވެ. މިއާއި އެކީ ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 31،330 އަށް އަރާފައެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 25،214 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެން ކަމުން މިވަގުތު ފަރުވާ ދެމުން އަންނަނީ 6،033 މީހަކަށެވެ. އޭގެ ތެރެއިން 173 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. މި ބަލި ޖެހިގެން ރާއްޖެއިން 74 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގެރި

    އުފާވެރި ހަބަރެކޭ ބުނެވޭނީ.. އަދިވެސް އިންތިހާބު ބާއްވަންވީ ބަލި ފެތުރޭ ގޮތަށް.. ރައްޔިތުން ކަމެއް ކުރިޔަ ނުދެންވީމަ ކޮވިޑު

  2. ހާ

    މި މީހުން ނޫނަސް މި ބަލި ޖެހޭ.. ކޮބާ ވަކި ހާއްސަކަމެއް މި މީހުން ވެގެން

    2
    2