ކޮވިޑް 19 އާއި ގުޅިގެން ދިމާވެފައިވާ ހާއްސަ ހާލަތަށް ރިޢާޔަތްކޮށް އައިޖީއެމްއެޗްގައި އަމަލު ކުރަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.

އައިޖީއެމްއެޗްއިން ބުނީ، މާދަމާއިން ފެށިގެން ބައެއް ކަހަލަ ބަދަލުތަކެއް އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ހިދުމަތްތައް ހޯދުމަށް އަންނަ ފަރާތްތައް ބޭނުން ކުރަން ޖެހޭނީ ހަމަ އެކަނި ކަނބާ އައިސަރަނި ހިނގުމުގައިވާ މައި ގޭޓް ކަމަށާއި ދެން ހުރި ހުރިހާ ގޭޓެއް (ބޮޑުތަކުރުފާނު މަގުގައިވާ ކެންޓީން ގޭޓް އަދި އެސްޓީއޯ ފާމަސީ ކައިރިން ވަންނަ ގޭޓް) ބަންދު ވާނެ ކަމަށް ވަނި ބުނެފައެވެ.

ކަނބާ އައިސަރަނި ހިނގުމުގައިވާ މައި ގޭޓުން ހިދުމަތް ހޯދުމަށް ވަންނަ ފަރާތްތަކުގެ ހުމާއި ރޯގާ ހުރިތޯ ބެލުމަށް ސްކްރީން ކުރާނެ ކަމަށާއި އަވަސް ފަރުވާ ބޭނުންވާ ފަރާތްތައް އިމަރޖެންސީ މައި ގޭޓް ބޭނުންކުރުމަށް ވަނީ އަންގާފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލުން ދެވޭ ހިދުމަތްތަށް ހޯދުމަށް އަންނަ ފަރާތްތައް ހަމަ އެކަނި ބޮޑުތަކުރުފާނު މަގުގައިވާ ގޭޓް ބޭނުން ކުރުމަށާއ އެ ގޭޓުން ވަންނަ ފަރާތްތަކުގެ ވެސް ހުމާއި ރޯގާ ހުރިތޯ ބެލުމަށް ސްކްރީން ކުރަން ފަށާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނީ، ދުރާލާ ރާވައިގެން ކުރެވޭ އޮޕަރޭޝަންތައް ކުރުން ވަގުތީ ގޮތުން މެދުކަނޑާލަން ވެސް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ކޮންމެހެން ޒިޔާރަތް ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށާއި ހޮސްޕިޓަލަށް ވަޑައިގަންނަވާނަމަ މާސްކު އެޅުއްވުމަށާއި 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

އައިޖީއެމްއެޗުން ބުނީ، ހޮސްޕިޓަލުގެ ހިދުމަތްދޭ ގޮތްތަކަށް މަތީގައިވާ ބަދަލުތައް ގެނެސްފައިވަނީ އާއްމު ރައްޔިތުންނާއި ސިއްހީ ހިދުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. މި ބަދަލުތައް ގެނެވުނުކަމުގައި ވީނަމަވެސް ކުއްލި ހާލަތުގައި ފަރުވާ ހޯދަންޖެހޭ ބަލިމީހުންނަށް އަވަސް ފަރުވާގެ ހިދުމަތް 24 ގަޑިއިރު ލިބެމުންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.