ލ. ގަމުން އިތުރު 10 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކޮވިޑް-19 ގެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ގަމު ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގަމު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަލީ ނަޝީދު ވިދާޅުވީ ގަމުން 10 މީހަކު ފައްސިވެފައިވާއިރު އޭގެން އެކަކީ ފްލޫ ކްލިނިކަށް ދެއްކި ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ. އަނެއް ނުވަ މީހުން ނިސްބަތްވަނީ ގަމަށް ކަމަށެވެ.

މިއާއި އެކީ މާންދޫ އިންނާއި ގަމުން ފައްސިވި މީހުންގެ އަދަދު 301 އަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، ފޮނަދޫން އިތުރު މީހަކު ފައްސިވެ ފޮނަދޫގެ ޖުމްލަ 14 އަށް އަރާފައިވާއިރު އިސްދޫން ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ މީހަކު ފައްސިވެ އިސްދޫގެ އަދަދު ތިނަކަށް އެރުމުން ގަމާއި މާންދޫގެ ބޭރުން އަތޮޅުގެ ހަތަރު ރަށެއްގައި 22 ވޭދަނައެއް އުޅޭ ކަމަށެވެ.

ގަމުގައި ކޮވިޑް-19 ފެތުރެމުން އަންނާތީ އެރަށުގެ 160 ގެއެއް ވަނީ މޮނިޓަރިންގއަށް ލާފައެވެ. އަދި 97 މީހަކު ވަނީ ކަރަންޓީނު ކޮށްފައެވެ.

ފަހަކަށް އައިސް އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި އަންނަނީ ކޮވިޑް ފެތުރެމުންނެވެ. ބައެއް ރަށްތަކުގައި ކޮވިޑް ފެތުރިފައި ވަނީ ކަރަންޓީންގައި ތިބި މީހުން ކަރަންޓީންގެ އުސޫލާއި ހިލާފު ވުމުންނެވެ.

އަތޮޅުތެރެއިން ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވަމުން ދިޔަ ނަމަވެސް އަދިވެސް ގިނަ އަތޮޅުތަކުގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ ވަސީލަތްތަކެއް ނެތެވެ. އެހެންކަމުން ގިނަ ރަށްތަކުން ކޮވިޑަށް ޓެސްޓް ކުރަން ސުންކުތައް އަދިވެސް ފޮނުވަނީ މާލެ އަށެވެ.

ރާއްޖެއިން މިހާތަނަށް 31،330 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެ ތެރެއިން 25،214 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މި ބަލީގައި މިވަގުތު 6،033 މީހަކަށް ފަރުވާ ދެމުން އަންނައިރު، 173 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ.

މި ބަލީގައި ރާއްޖެއިން 74 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު