ރިސާޗްގެ ދާއިރާގެ އެކި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށް ވިލާ ކޮލެޖާއި އިންޓަރނޭޝަނަލް ސެންޓަރ ފޯ އެންވާރަމެންޓް ޑިވަލޮޕްމެންޓް އެންޑް އޮޕަރޭޝަނަލް ރިސަރޗް (އެންޑީވޯ) އާއި ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިއެވެ.

މިއަދު ވިލާކޮލަޖުގައި ބޭއްވުނު ރަސްމިއްޔާތުގައި ވިލާ ކޮލެޖްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރުއެވެ. އަދި އެންޑީވޯގެ ފަރާތުން ސޮއި ކުރީ އެ ސެންޓާރގެ އެގްޒެކެޓިވް ޑައިރެކްޓަރ ޑރ. އަބްދުލް ސައްތާރު ޔޫސުފް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިލާ ކޮލެޖުގެ ރެކްޓަރ އަންވަރު ވިދާޅުވީ ދެފަރާތުން ގުޅިގެން މަސައްކަތްތަކެއް ކުރަމުން ގެންދާތާ މިހާރު ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދެފަރާތުން ގުޅިގެން ގިނަ ރިސަރޗްތަކެއް ކުރެވި މި މަސައްކަތް ފުޅާ ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް އަންވަރު ވިދާޅުވިއެވެ.

އަދި މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ވިލާ ކޮލެޖާއި، އެންޑީވޯ ގުޅިގެން ރިސަރޗްގެ ދާއިރާގެ އެކި ކަންކަމުގައި ދެފަރާތުން ގުޅިގެން މަސައްކަތް ކުރުން ކަމަށާއި އިލްމީ އެހެނިހެން ދާއިރާތަކުން ދެފަރާތުން ގުޅިގެން މަސައްކަތްކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ދިރާސާގެ ދާއިރާއިން މީހުން ބިނާކުރުމުގައި އެއްބާރުލުން ދިނުމަކީ މި އެއްބަސްވުމުގެ މައިގަނޑު އެއް މަގުސަދުކަން އަންވަރު ފާހަގަކުރެއްވިއެވެ.