ރާއްޖެ އިން ކޮވިޑް ޖެހުނު މާބަނޑު އަންހެނެއްގެ ހާލު ސީރިއަސް ވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ މިހާރު ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މާބަނޑު އަންހެން މީހާގެ ހާލު ވަނީ މީގެ ކުރިން ރާއްޖެ އިން މާބަނޑު އަންހެނެއްގެ ހާލު ސީރިއަސް ނުވާ މިންވަރަށް ހާލު ސީރިއަސްވެފައި ކަމަށެވެ.

ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވީ މާބަނޑު މީހުންގެ ތެރެއިން ކޮވިޑް ޖެހޭ މީހުންގެ ހާލު މީގެ ކުރިން ދުނިޔޭގައި ވެސް އަދި ރާއްޖޭގައި ވެސް ސީރިއަސް ވަމުން ނުދާކަމަށެވެ. ނަމަވެސް މިހާރު ކޮވިޑް ޖެހޭ މާބަނޑު އަންހެނުންގެ ހާލު ސީރިއަސްވާ މިންވަރު އިތުރުވާކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ.މުހައްމަދު އަލީ ވިދާޅުވީ އުއްމީދު ކުރަނީ މާބަނޑު މީހުންނަށް ވެކްސިނެއް ދިނުމުގެ ހުއްދަ ވަރަށް އަވަހަށް ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދޭނެ ކަމަށެވެ. މިހާރު ވެސް ބައެއް ގައުމުތަކުގައި ފައިޒާ ވެކްސިން މާބަނޑު މީހުންނަށް ދެމުން އަންނަކަން ޑރ.މުހައްމަދު އަލީ ފާހަގަ ކުރެއްވިއެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް ޖެހުނު މާބަނޑު އަންހެނުންގެ އަދަދެއްގެ އެޗްއީއޯސީ އިން ހާމައެއް ނުކުރެއެވެ. ނަމަވެސް ރާއްޖެ އިން ކޮވިޑަށް ފައްސިވި އުމުރުން އެއްމަހުގެ ކުދިންގެ އަދަދު ވެސް ފަންސާހާއި ކައިރި ކުރާނެ ކަމަށް ބެލެވެއެވެ.