މިރެއިން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރޭގަނޑު 12:00 އިން ފެށިގެން 04:00 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭ) އިން އަންގާފައިވާއިރު އެންމެ ފަހުން ހިންގި ކާފިއުގައި ބޭނުން ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ދޫކޮށްފައިވާ ދާއިމީ ފާސްތައް ވަކި ގޮތެއް އަންގަންދެން ބޭނުން ކުރަމުން ގެންދެވޭނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ދެންމެ ވިދާޅުވީ އެޗްޕީއޭގެ އެންގުން ތަންފީޒް ކުރުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާނެ ކަމަށެވެ.

ވެހިކަލް މަނާ ގަޑިތަކުގައި ހުއްދަ އަށް އެދިލެވުމަށް ފުލުހުންގެ ވެބްސައިޓް ބޭނުންކުރުމަށް ވެސް ފުލުހުން އެދެއެވެ. ޕޮލިސް ޕަރމިޓް ސެންޓަރ އަށް ގުޅުއްވޭނެ ނަންބަރަކީ 1665 އެވެ.

ކޮވިޑް 19 އިން ރައްކާތެރިވެ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ކަމާބެހޭ އިދާރާތަކުން އަންގައި އެންގުންތަކަށް ފުރިހަމައަށް ބޯލަނބައި ފަރުދީ ހައިސިއްޔަތުން ކުރެއްވެންހުރި އެންމެހައި ކަންކަން ކުރައްވަމުން ގެންދެވުމަށް އެންމެހައި ރައްޔިތުންނަށް ހަނދުމަފުޅުކޮށް އަރުވާ ކަމަށް ވެސް ފުލުހުން މިރޭ ވިދާޅުވިއެވެ.