ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ގދ. ތިނަދޫގައި ކާފިއު އިއުލާނުކުރަން ނިންމައިފިއެވެ.

ތިނަދޫގައި ކާފިއު އިއުލާނު ކުރުމަށް ނިންމާފައި މިވަނީ އެރަށުން ވަކި ތަރުރީބެއް ނެތި ނެގި ސުންކެއް މިއަދު ކޮވިޑް-19 އަށް ފައްސިވެފައި ވަނިކޮށެވެ. އެހެންކަމުން އެރަށުގެ ޢާންމު މުޖުތަމަޢުގެ ތެރޭގައި ކޮވިޑް-19 ފެތުރިފައި ވެދާނެކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ތިނަދޫގައި ކާފިއު އިއުލާނުކުރަން ނިންމާފައި ވަނީ ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:00 އާއި ހަމައަށެވެ.

ތިނަދޫގައި ކާފިއު ހިންގަށް އެރަށު އެޗްއީއޯސީން ނިންމާފައި ވީނަމަވެސް، ކާފިއު އިއުލާނުކުރާނެ ވަކި ތާރީޚެއް އަދި ހާމައެއް ނުކުރެއެވެ.

ތިނަދޫގައި ކޮވިޑް-19 ގެ ހަލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި އެރަށުން މިއަދު އެކަނިވެސް އިތުރު ނުވަ މީހަކު ފައްސިވެފައި ވެއެވެ. މިއާއެކު އެރަށުގައި މި ބަލި ޖެހިފައި ތިބި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 38 އަށް އަރާފައެވެ.

ތިނަދޫން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ފުރަބަންދު ނިންމާފައި ސުންކު ނަގާފައިވާ މީހުންނާއި، ފައްސިވި މީހުންނާއި ގާތުން ބައްދަލުވެފައިވާ މީހުންނާއި، ވަކި ތަރުތީބެއް ނެތި ނަގާފައިވާ ސުންކުތަކެވެ.

އެރަށުން މީހުންތަކެއް ފައްސިވުމާ ގުޅިގެން ރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.

ކޮވިޑް-19 ފެތުރެމުން އަންނާތީ ތިނަދޫގައި މިހާރުވެސް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މިގޮތުން ސައިހޮޓާ ރެސްޓޯރެންޓް އަދި އާންމު ޚިދުމަތްދޭ އެނޫންވެސް ބައެއް ތަންތަނުގެ އިތުރުން މައިޒާންތަކާއި ޕާކުތައް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން ފިހާރަތައް ހުޅުވާފައި ބެހެއްޓޭ ވަކި ވަގުތުތަކެއްވެސް މިހާރު އެރަށުގައި ވަނީ ކަނޑައަޅާފައެވެ.

ތިނަދޫ ކައުންސިލުން ވަނީ އެރަށަށް ދިމާވެފައިވާ ޙާލަތުން އަރައިގަތުމަށް މި ދަނޑިވަޅުގައި ކޮންމެހެން ދާން ޖެހިގެން ނުވަތަ ޒަރޫރީ ބޭނުމެއް އޮވެގެން ނޫނީ ބޭރުގައި ނޫޅުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކާރިމް

    ނައިފަރު އަނެއްކާވެސް ކާފިއު ނެރެފި ނެރެފައިވާ ލިޔު މުން ނޭގޭ ކާކުގެ އޯޑަރަށް ކައުންސިލްއިން ލިޔެފައިވާ ލިޔު މެއްކަންވެސް. އަސްލު އެއްޗެންކަންވެސް ނޭގޭ ރައޔިތުން ނަށް މިދަޑިވަޅުގައިވެސް އޮޅިވާލަނީއެ.

  2. މުހައި

    ތިޔަ ފެންނަނީ މިފަހުން ނިންމި ކައުންސިލް ކެމްޕޭނު އިހާ ކަމުގައި ބެލެވެނީ.

    11
  3. ސުލައިމާން

    ކާފިއު ކީއްކުރަން ނާފިއު އިއުލާންކުރިޔަސް އެޗްޕީއޭ އިން ތިދޭ ޚާއްސަ ހުއްދައެއްގެ ސަބަބުން މިކަމެއް ނުހުއްޓޭނެ.ސަރުކާރާއި އެޗްޕީއޭގެދޯހަޅި ސިޔާސަތުގެ ސަބަބުން މިކަން ގޯހުން ގޯހަށް މިދަނީ.

    14
    2
  4. މމ

    އެޗް.ޕީ.ޢޭ ގެ ނިންމުން އޮންނަގޮތް:
    1- އެއްވެސް މީހަކު ނިދާފައި އޮންނަ ގަޑީގައި ބޭރަށް ނުނިމުތުން
    2- ފެންވަރަން ހުންނަ ގަޑީގައި ބޭރަށް ނުނިކުތުން
    3- ބަތްތަށު ހިފައިގެން އެއްގެއިން އަނެއްގެއަށް ނުދިއުން
    މިޒާތުގެ ގަޑިލައިން އެޗް.ޕީ.އޭގަ ހުންނަނީ

  5. ޢަޒްރާ

    ރަނގަޅު އެއްކަމެއްވެސް މައިމުނާއަށް ކުރެވޭތަ؟ރައްޔިތުން ރުހޭގޮތެއް ނެހެދޭނެ

  6. ސޮރު

    ބޭނުމަކީ ހުރިހާ ރަށްރަށަކަށް ކޮވިޑް ފެތުރުން. ޚާއްޞަ ހުއްދައަކީ އޭގެ ހެއްކެއް، ޢަލާމާތެއް