އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ ޑްރައިވިން ލައިސަންސް ހިދުމަތް ދިނުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ވިދާޅުވީ، ހިދުމަތް ދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވަނީ ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ހިދުމަތް ދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވަނީ އަލަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ދޫކުރުމުގެ ކަންކަމެވެ. ލައިސެންސް އަލުން ދޫކުރަން ފަށާނެ ސީދާ ތާރީހެއް މިނިސްޓްރީން ވިދާޅެއް ނުވެއެވެ.

މީގެ ކުރިންވެސް މާލޭގެ ކޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން ލައިސެންސް ދޫކުރުން ވަގުތީ ގޮތުން މެދުކަނޑައިލިއެވެ. އެ މެދުކެނޑުން ގިނަ ދުވަސްތަކެއް ވަންދެން ދިގުލައިގެން ދިޔުމުން ޑްރައިވިން ސްކޫލްތަކުން މިނިސްޓްރީ ދޮށުގައި އިހްތިޖާޖުތަކެއްވެސް ކުރިއެވެ. މިނިސްޓްރީން ވަނީ އެކަމަށް ހައްލެއް ގެނެސްފައެވެ.

އެއްގަމު އުޅަނދުގެ ލައިސަންސް ލިބެނީ ތިއަރީ ޓެސްޓަކާއި ޕްރެކްޓިކަލް ޓެސްޓެއް ފުރިހަމަ ކުރުމުންނެވެ.

އުމުުރުން 16 އަހަރު ފުރުމުން ދުއްވާ އުޅަނދުތަކުގެ ލައިސެންސް ނެގޭ ގޮތަށް ބަދަލުކޮށް ދިނުމަށް އެދި ހިތަދޫ މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ނާޒިމް ވަނީ މަޖިލީހަށް މިހާރު ބިލެއް ހުށަހަޅާފައެވެ. ނަމަވެސް އަދި ރާއްޖޭގައި ލައިސަންސް ދޫކުރަނީ އުމުރުން 18 އަހަރު ވުމުންނެވެ.