ހުޅުމާލޭގެ ރައްޔިތުންނަށް ދެވޭ ރަށްވެހިކަމުގެ ޚިދުމަތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ހުޅުމާލޭގެ ކަންކަން ހަވާލު ކުރެވިފައިވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖްމަންޓްއާއި މާލެ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒާއި ހުޅުމާލޭގެ އިންތިޚާބީ ކައުންސިލަރު އިބްރާޙީމް ޝުޖާއު އިއްޔެ ބައްދަލު ކުރައްވައިފިއެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްގެ މަޤާމު ވެސް ފުރުއްވާ މުއިއްޒު "ވަގުތު" އަށް ވިދާޅުވީ އެ ބައްދަލުވުމުގައި އެޗްޑީސީއިން ހުޅުމާލޭގައި ދެމުންދާ ރަށްވެހިކަމާއި މުނިސިޕަލް ޚިދުމަތްތަކުގެ މައުލުމާތު ސާފުކޮށްފައިވާ ކަމަށެވެ.

ހުޅުމާލޭގެ ކަންކަން އެޗްޑީސީއާ ހަވާލު ކުރެވިފައިވާއިރު ސިޓީ ކައުންސިލުން ހުޅުމާލޭގައި ކުރުމަށް ނިންމާފައިވާ ކަންކަމަށާއި ލާމަރުކަޒީ ޤާނޫނުގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ސިޓީ ކައުންސިލަށް އޮންނަ ޒިންމާ ބޮޑު ވުމުން އެ ކަމުގެ އެއްބާރުލުން އެޗްޑީސީގެ ފަރާތުން ބޭނުންވާތީ އެކަމުގެ މަޝްވަރާތަައް ވެސް ކުރިއަށް ދިޔަ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މި ކަންކަމާ ގުޅޭ ގޮތުން އަޅުގަނޑުމެން މަޝްވަރާ ކޮށްފައި ވާނީ. ވަރަށް އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވުނު ބައްދަލުވުމެއްގެ ގޮތުގަ ފާހަގަކުރާނީ،" މި މަހުގެ 17 ވަނަ ދުވަހު މޭޔަރު ކަމުގެ ހުވާ ކުރައްވާނެ މާލޭގެ ފުރަތަމަ އިންތިޚާބީ މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

އެޗްޑީސީއިން ހުޅުމާލޭގައި ދެމުންދާ ރަށްވެހިކަމުގެ ބައެއް ޚިދުމަތްތަކަކީ ލާމަރުކަޒީ ޤާނޫނުގައި މާލެ ސިޓީ ކައުންސިލަށް ވެސް މަތިކޮށްފައިވާ ޒިންމާތަކެއް ކަމުން މިކަމާ ގުޅޭ ގޮތުން ސަރުކާރާ އެކު ވެސް އިތުރަށް މަޝްވަރާ ކުރަން ޖެހޭނެ ކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

އިންތިޚާބީ މޭޔަރު މުހައްމަދު މުއިއްޒު އާއި އިންތިޚާބީ ކައުްނސިލަރު އިބްރާޙިމް ޝުޖާއ އެޗްޑީސީއާ ބައްދަލު ކުރަނީ - ފޮޓޯ: ޝުޖާއު ޓްވީޓާ

ހަތް އަހަރުގެ މުއްދަތަކަށް ދެ ސަރުކާރެއްގައި ހައުސިން މިނިސްޓަރުގެ މަޤާމު ފުރުއްވާފައިވާ މުއިއްޒު، އެޗްޑީސީގެ މެނޭޖްމަންޓްއާ އިއްޔެ ބައްދަލުކުރިއިރު، ހުޅުމާލެއަކީ އެޗްޑީސީގެ މިލްކެއްގެ ގޮތުގައި އޮންނަ އޮތުމާ ގުޅޭ ގޮތުން މުއިއްޒު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އޭގެ ބަދަލުގައި ހުޅުމާލޭގެ ބިމަކީ ސިޓީ ކައުންސިލް ނޫނީ ސަރުކާރުގެ ކަމާ ބެހޭ މިނިސްޓްރީއެއްގެ ބެލުމުގެ ދަށުގައި އޮންނަ ތަނެއްގެ ގޮތުގައި ބޭއްވުމަށް އޭނާ ވަކާލާތު ކުރައްވައެވެ.

މާލެ ކައިރީ އޮތް ބޮޑު ފަޅު ހިއްކައި ހުޅުމާލެ ތަރައްގީ ކުރަން ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައެވެ. މައިގަނޑު ސިޔާސަތަކީ މާލެއިން ބިމުގެ ޖާގަ ދަތިވަމުންދާތީވެ މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅެމުންދާ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުވެ. މައުމޫންގެ ވެރިކަމުގައި އެޗްޑީސީގެ ނަމުގައި ކުންފުންޏެއް އުފައްދައި އެ ކުންފުނީގެ ބެލުމުގެ ދަށުގައިވާ ތަނަކަށް ހުޅުމާލެ ހަމަޖެއްސިއެވެ.

މައުމޫން ވެރިކަމުގައި ކަނޑައެޅި އެ ސިޔާސަތު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ތަންފީޒުކޮށްފައެވެ. އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ވެސް ދަނީ ތަންފީޒު ކުރަމުންނެވެ.

އެކަމަކު ލާމަރުކަޒީ ގާނޫނަށް ރިއާޔަތްކޮށް އެއީ ސިޓީ ކައުންސިލްގެ މެންޑޭޓެއް ކަމުގައި ވިދާޅުވެ އެއީ ގާނޫނާ ޚިލާފް ވިސްނުމެއް ކަމުގައި ބައެއް ސިޔާސީ ބޭފުޅުން ވެސް ސިފަކުރައްވާތާ ދުވަސްތަކެއް ވެއްޖެއެވެ. މީގެ ތެރޭގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ބޭފުޅުންގެ އިތުރުން ވެރިކަން ކުރާ އެމްޑީޕީގެ ބޭފުޅުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިޝަން

    ކުންފުނިތަކަކީ ވިޔަފާރި. މުނިސްޕަލް މަސައްކަތަކީ ރައްޔިތުންގެ އަސާސީ ހައްގެއް. މިސަރުކާރުގެ ސިޔާސަތަކީ ލާމަރުކަޒުކުރުން. ހުޅުމާލެ ފަސްގަޑު މޯގޭޖްކިށްގެން އުޅުނަސް ޚިދުމަތް އޮންނަންޖެހޭނީ ސިޓީ ކައުންދިލްގެ ދަށުގަ. މިފަހަރު ކޯޓަށްގޮސްގެންވެސް‘ ހުޅުމާލެ ލާމަރކަޒް ވާންޖެހޭނެ. މިސިޓީ ވަރަށް ގޮނޑު. އެއްވެސްގޮތަކަށް ސާފުކޮށް ނުބަލަހައްޓާ. ވަރަށް ހިތްވަރުގަދަ ދިވެހި އަންހެނުން ކުރާ ބުރަ މަސައްކސތުން ބީޗްވެސް ސާފުވަނީ. ރައީސް ސޯލިހު ހަމަ ޔަޤީން މިކަން ބަދަލް ކުރައްވާނެ ކައުންސިލަށް.