އައްޑޫ ސިޓީ ހިތަދޫ އިހަލުން (ކްލަސްޓާ) އިން އިތުރު މީހަކު ފައްސިވެެ ޖުމްލަ 10 އަށް އަރައިފިއެވެެ.

އައްޑޫ އިކިއުޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި، ހިތަދޫ އިހަލުން ފައްސިވެފައިވަ މީހުންނާ ގާތުުން އެެއްތާ (ކޮންޓެކްޓް) ވެފައިވާ މީހުންގެ ގޮތުގައި މިހާތަނަށް 36 މީހަކު ވަނީ ފާހަގަކުރެވިފައެވެ. އެމީހުންގެ ސުންކު ނަގައި ޓެސްޓުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

އައްޑޫގައި މިވަގުތު ތިން އިހަލެއް އެބަ އޮތެވެ. ޖުމްލަ 25 މީހުން މިހާރު ބަލި ޖެހިފައި އައްޑުއަތޮޅުގައި ތިބި އިރު އޭގެ ތެރޭގައި ހިމެނެނީ ހުޅުމީދޫ އިން ފައްސިވި 14 މީހަކާއި، ޝަންގްރިއްލާއިން ކަރަންޓީނުގައި ހުއްޓާ ފައްސިވި މީހެއްގެ އިތުރުން ހިތަދޫއިން ފައްސިވި 10 މީހުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު އައްޑޫ ސިޓީން ފުރަތަމަ ފައްސިވެފައި ވަނީ ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. އޭނާ ކޮވިޑަށް ފައްސިވުމާއެކު އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް އަރައި ފޭބުން ވަނީ މަނާ ކޮށްފައެވެ. މީގެ ކުރިން އެ ސިޓީގެ ރަށްތަކުގެ ތެރެއިން ވަކިން އޮންނަ ހުޅުމީދޫން ބަޔަކު ފައްސިވުމާއި ގުޅިގެން އެރަށަށްވެސް އަރައި ފޭބުން އޮތީ މަނާ ކޮށްފައެވެ.

އައްޑޫގައި ދާދި ފަހުން ކަރަންޓީނާ ހިލާފުވި މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެނގިފައިވާ ގޮތުގައި ކޮވިޑަށް ފައްސިވެފައި ވަނީ މާލެ އިން މުބާރާތެއްގައި ބައިވެރިވާން އައްޑުއަށް ދިޔަ މީހެކެވެ.