ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވަމުން ދާތީ، ކުރިއަށް އޮތް ތަނުގައި ލޭ ލިބުން ދަތިވެދާނެތީ އެ މައްސަލަ އަށް ދުރާލާ ތައްޔާރުވެ ހައްލު ހޯދުމުގެ ގޮތުން ވީހާވެސް ގިނަ ބަޔަކު ލޭ ހަދިޔާކޮށް ދިނުމަށް މޯލްޑިވިއަން ބްލަޑް ސާވިސް އިން އެދިއްޖެއެވެ.

މޯލްޑިވިއަން ބްލަޑް ސާވިސް އިން ކުރި ޓްވީޓެއްގައި ވަނީ މާލެއާ ރަށްރަށުން މިހާރު ކޮވިޑްގެ ވޭދަަނަތައް ފެނުން އިތުރުވެފައި ވާތީ ލޭ ހަދިޔާ ކުރަން ވީހާވެސް ގިނަ ބަޔަކު ދިއުމުގެ މުހިންމުކަން ފާހަގަ ކުރައްވައިފައެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހާއި ދިމާކޮށް ރާއްޖެއިން ކޮވިޑް-19 ފެނުމާ ގުޅިގެން ލޭ ހަދިޔާ ކުރާ މީހުންގެ އަދަދު އިންތިހާއަށް މަދުވެ، ތެލެސީމިއާ ކުދިންނަށް ބޭނުންވާ ލޭ ހޯދުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނެވެ.

ތެލެސީމިއާ ކުދިންގެ ފުރާނަ ސަލާމަތް ކުރުމުގެ ގޮތުން ކޮންމެހެން ގަވާއިދުން އަޅަން ޖެހޭ ލޭ ރައްކާ ކުރެވިފައިވާ މިންވަރު އިންތިހާ އަށް މަދުވެ މީގެ ކުރިން ވެސް އެކި ފަހަރު މަތިން މޯލްޑިވިއަން ބްލަޑް ސާވިސަސް އިން ވަނީ އާއްމުންގެ ތެރެއިން ގިނަ ބަޔަކު ލޭހަދިޔާކޮށްދިނުމަށް އެދޭކަން ފާހަގަކޮށް އާއްމުންގެ އެހީތެރިކަމަށް އެދިފައެވެ.

ފަހަކަށް އަމިއްލަ އިސްނެގުމުގައި ލޭ ހަދިޔާ ކުރާ މީހުންގެ އަދަދު މިހާރު ވަރަށް ބޮޑަށް ދަށް ވެފައިވާ ކަން ފާހަގަކުރެވެއެވެ. މިވަގުތަކީ ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރުން އުނދަގޫ ދުވަސްވަރަކަށް ވުމުން މިވަގުތު ވީހާވެސް ގިނަ ބަޔަކު ހޭ ހަދިޔާކޮށްދިނުމަކީ މެދު ނުކެނޑި ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެވެ.

ތެލެސީމިއާ ކުދިންނަށް ހަފްތާއެއްގެ މައްޗަށް 160 ޔުނިޓްގެ ލޭ ބޭނުންވެއެވެ. ކޮވިޑް-19 އާ ގުޅިގެން މީގެ ކުރިން ހިންގަމުން އައި ބްލަޑް ކޭޕްތައް ހުއްޓުމަކަށް އައުމާއި އެކު ލޭ ހަދިޔާ ކުރުން މަދުވި ނަމަވެސް، ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމް ހަމަޖައްސައި ދެމުން ދާ ކަން ފާހަގަކޮށްލެވެއެވެ.

ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން 3306089 އަށް ގުޅުމުން ލޭ ހަދިޔާ ކުރަން އައުމުގެ އިންތިޒާމް ހަމަޖައްސައިދެއެވެ. އުމުރުން 18 އަހަރު ފުރިފައިވާ، ބަރުދަނުގައި 45 ކިލޯ ހުންނަ މީހުންގެ ތެރެއިން، އެ މީހެއްގެ ހިމޮގްލޮބިން ކައުންޓް 12.5 އަށް ވުރެ މަތި މީހުންނަށް ލޭ ހަދިޔާ ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބުޅޯ

    ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައި އޮތުމަށް ފަހު އިތުރުވާން ފެށީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދިން ލުއިތަކާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހުގަ އެވެ. ދަންނައެވެ. އޮބި ނޯވެ ފުޅާވެ ބޮޑުވެ ފެތުރެމުން މިދަނީ އިލެކްޝަން ކްލަސްޓާ އެވެ.