ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީގެ ކާރުގައި ރޯކޮށްލިތާ ގާތްގަނޑަކަށް ފަސް މަސް ދުވަސްވީ އިރު ވެސް އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މަސްއޫދުގެ ކާރުގައި ރޯކޮށްލާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ މެންދަމު 3:05 ހާއިރު ކަމަށް ފުލުހުން ވަނީ މީގެ ކުރިން ފާހަގަކުރައްވާފައެވެ.

މި މައްސަލަ އާއި ގުޅޭ އަދާހަމަ ހިއްސާކުރައްވަމުން "ވަގުތު" އަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ އާއި ގުޅިގެން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ޕީޖީ އޮފީހާއި ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ އާއި ގުޅގެން ޕީޖީ އޮފީހާއި އެކު މަޝްވަރާުކުރަމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މަސްއޫދުގެ ކާރުގައި ރޯކޮށްލާފައި ވަނީ ލ.ފޮނަދޫ ޔޫތު ސެންޓަރު ކައިރީގައި ކާރު އޮއްވާ ކަމަށް ވާއިރު އެ ކާރުގައި ރޯކޮށްލި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން އެ ރޭ މެންދަމު 3:30 ހާއިރު އެތަނަށް ގޮސް ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ފުލުހުން ފާހަގަކުރައްވައެވެ.

އަދި އެ ހާދިސާގައި ކާރުގެ ފަހަތުކޮޅު އެއްކޮށް އެނދުމުގެ ސަބަބުން ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކު ވެފައެވެ. ކާރުގައި ރޯކޮށްލާފައި ވަނީ މީހަކު ނުވަތަ ބަޔަކު ގަސްދުގައި ކަމަށް ގަބޫލު ކުރެވޭ ހެކިތައް ފެންނަން ހުރިކަން ކާރުގެ ވެރި ފަރާތުން ފާހަގަކުރެއެވެ.

އެހެންނަމަވެސް ހާދިސާ ހިނގިތާ ފަސް މަސް ފާއިތުވެ ދިޔައިރު ވެސް މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފައި ނުވުމުން ބައެއް އާއްމުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ތުހުމަތު ކުރެވޭ މީހާވެސް ހައްޔަރުކޮށްފައި ނުވާތީ ފުލުހުން އެ މައްސަލަ އެކަށީގެންވާ ގޮތެއްގައި ނުބަލާކަމުގެ ތުހުމަތުވެސް ބައެއް އާއްމުން ވަނީ ކޮށްފައެވެ.

"އެކަން ކުރި ކަމަށް ރަށުތެރޭގައި ވާހަކަ ދެކެވޭ ނުވަތަ ތުހުމަތު ކުރެވޭ މީހަކު އެބަހުރި. ނަމަވެސް ފުލުހުން އޭނާ ހައްޔަރު ކޮށްފައެއް ނުވޭ." ފޮނަދޫން މައުލޫމާތު ދިން މީހަކު ބުންޏެވެ.

އިތުރު މީހަކު ބުނިގޮތުގައި އަގުބޮޑު ވެހިކަލެއްގައި ރޯކޮށްލި މައްސަލައެއްގެ ތަޙްޤީޤު ފުލުހުން އެކަށީގެންވާ ގޮތެއްގައި ކުރަމުން ނުގެންދިއުމުގެ ސަބަބުން ރަށުގައި ބިރުވެރިކަން އުފެދުނު ކަމަށެވެ.

"ކިހިނެއްތޯ އެނގޭނީ ދެން ރޯކޮށްލާނީ ކާކުގެ ވެހިކަލެއްގައި ކަމެއް؟ މިފަދަ ކަންކަން ކުރާ މީހުން އަވަހަށް ހައްޔަރު ކުރަން ޖެހޭ. މިއީ މުޖުތަމައަށް ހުރި ވަރަށް ބޮޑު ބިރެއް" ކަމަށެވެ.

ކާރު ރޯކޮށްލި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުނުކޮށް ދިގުލައިގެން ދާތީ މައްސަލަ އާއި ގުޅުން ހުރި ހެކިތައް ނައްތާލުމުގެ ފުރުސަތު ބޮޑު ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަގީޗާ

    ކުއްވެރިންނަށް ހުރިހާ ބާރެއްދީފަ އޮތީމަވާނީ މިހެން ގާނުނުތައްވެސް ހެދިފަ އޮންނަނީ އެމީހުންސަލާމަތްވާގޮތައް

  2. ގެރި

    މި ސަރުކާރުގަ ތިކަހަލަ ކަންކަން އޯކޭވާނެއެއްނު.. މީ އަލިފާން ރޭޕް ސަރުކާރު

    4
    1
  3. ނިއުޓްރަލް

    ވަކި ސަރުކާރެއް ކިޔާނެކަމެއް ނެތް.. ޤާނޫނުތައް ހަދާފައި ހުރީ ހައްޔަރު ކުރަން އެންމެ އުދަނގޫ ގޮތައް..ކުއްވެރިންގެ ހައްގު ބޮޑުކުރަނީ ކާފަރުންގެ ގާނޫނުތައް ނަކަލުކޮށްގެން..ދޮން މީހުން އެއުޅެނީ ކުށްކުރާވަރުން ސަލާމަތް ނުވެގެން.. އެވަރުން މާމޮޅު އެއްޗެއްކަމަށް އެކޮޕީކޮށްގެން މިރާއްޖެއިން އުޅެނީ..ދެން ކިޔާނެ ޕޮލިހުންނޭ ކޯޓުތަކޭ.. ބަލަގަ މަޖިލީހަށޭ އެބަދަލު ކުރެވޭނީ.. މަޖިލީހުގެ ރައީސްގެ ހާލަތު ނޭގޭ ކުޑަކުއްޖެއް ނުހުންނާނެ މިރާއްޖޭ..