ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އުވާލަން ސަރުކާރުން ނިންމި ނިންމުމަކީ ޓެކް ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށާއި، އެއީ ސިނާއަތަށް ދިން ލަނޑެއް ކަމަށް ވިދާޅުވެ އެ ވުޒާރާގެ ވަޒީރުކަން ކުރެއްވި މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ޓެކްނޮލޮޖީ މިނިސްޓްރީ އަކީ މި ސަރުކާރުގައި މުޅިން އަލަށް އުފެއްދި ވުޒާރާއެކެވެ. އެކަމަކު މިއަދުން ފެށިގެން އެންވަޔަރަމަންޓް މިނިސްޓްރީއާ އެ ވުޒާރާގެ މިނިސްޓަރު ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ކަމުގައި ކުރިން ހުންނެވި އާމިނަތު ޝައުނާ ވަނީ އައްޔަން ކުރައްވައިފައެވެ.

ސަރުކާރުގެ އެ ނިންމުމާ ގުޅިގެން މަލީހު "ވަގުތަށް" ވިދާޅުވީ، އެ ނިންމުމުން ހާމަވެގެންދަނީ ޓެކް ސިނާއަތާ މެދު ސަރުކާރުގެ އެއްވެސް ސީރިޔަސް ކަމެއް ނެތްކަން ކަމަށެވެ. އަދި އެ ނިޔަތުގައި ސަރުކާރުން މަސައްކަތްވެސް ނުކުރާކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޓެކްނޮލޮޖީ މިނިސްޓްރީ އުވާލުމަކީ ސަރުކާރުން ޓެކް ކޮމިއުނިޓީއަށް ދިން ތާފަލެއް، ލަނޑެއް،" މަލީހް ވިދާޅުވިއެވެ.

މިނިސްޓަރުކަމުން ވަކިކުރި ހިސާބުން ފެށިގެން މަލީހު ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ވަޒީރުކަމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭތީ ކަމަށް ބުނެ މަލީހު މަގާމުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިގެނެވެ. ނަމަވެސް ވަޒީރުކަމުގެ ހުންނެވިއިރު މަތިކޮށްފައިވާ ޒިންމާތައް އަދާކޮށްފައިވާނެ ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރުގެ މަގާމުން އޭނާ ވަކިކުރިތާ ދުވަސްތަކެއް ނުވަނީސް، މަލީހް ވަނީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ކެމްޕޭން ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. މަލީހް ހުންނެވީ ވެރިކަން ކުރާ ކޯލިޝަންގެ ޖުމްހޫރީ ޕާޓީގައެވެ. އެ ޕާޓީއިން މަލީހް ވަކިކުރަން ޕާޓީގެ ކައުންސިލަށް ވެސް ވަނީ ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ައަހުމަދު

    އެތަން ހުރެގެން ރައްޔިތުންނަށްވީ ފައިދާއެއް ކޮބާ؟ ބޮޑުމުސާރަ ނަގައިގެން އެއްކަމެއްވެސް ކުރަނީކީއެއްނުން ، ވަނީގެއްލުން އެހެންކަމެއްނުވޭ.