ކުރީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ އިދިކޮޅު ސިޔާސީ ޕާޓީތަށް ބޭނުންކޮށްގެން ވެރިކަމަށް އަންނަން ކަމަށް ވެރިކަން ކުރާ ޕީޕީއެމް އިން ބުނެފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ސެކެޓްރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރުމުގެ އިހުލާސްތެރިކަމެއް އިދިކޮޅުގައި އަދި ވަކިން ހާއްސަކޮށް އެމްޑީޕީގައި ނެތް ކަމަށެވެ.

" އިދިކޮޅު އެއް ކެންޑިޑޭޓަކު އެބޭފުޅުންނަށް ނުނެރެވޭނެ. އަޅުގަނޑުމެން އަބަދުވެސް ދަންނަވާ ވާހަކައެއް، އިދިކޮޅު ފަރާތްތަކުގައި ހުރީ ތަފާތު ވިސްނުން. އެބޭފުޅުންގެ އެ ގާބިލުކަމެއް ނެތް" ހަލީލް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ކުރީގެ ރައީސް ނަޝީދު ކެމްޕެއިން ފެށުމަށް އިޝާރަތް ކުރައްވާ ހަލީލް ވިދާޅުވީ ނަޝީދު އިންތިހާބަށް ކެމްޕެއިން ފެއްޓުމުން ވެސް އެނގެނީ އެމްޑީޕީގައި އަދި ނަޝީދުގެ ވެސް އެއް ކެންޑިޑޭޓަކު ނެރުމުގެ އިހުލާސްތެރިކަމެއް ނެތް ކަމާއި ބޭނުން ވަނީ އިދިކޮޅު ޕާޓީތަކުގެ ބޭނުންކޮށްގެން ވެރިކަމަށް އަންނަން އުޅުން ކަމަށެވެ.

ކުރިއަށް ރިޔާސީ އިންތިހާބު ގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރި ނަމަވެސް އިންތިހާބުގައި ވާދަ ކުރަވަން ރާއްޖެ ވަޑައިގަންނަވަން ނަޝީދު ޖެހިލުންވެއެވެ. ސަބަބަކީ ރާއްޖެ ވަޑައިގެންފި ނަމަ އެ މަނިކުފާނު ދާން ޖެހޭނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަން ޖަލަށެވެ.

އިންތިހާބު ބޯމަތިވެފައިވާއިރު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ވެސް އިންތިޚާބަށް ކެންޑިޑޭޓުން ނެރެން ބޭނުންވުމާ އެކު ދެ ޕާޓީން އެއްބަސްވުމަކަށް ނާދެވި އެ ޚިޔާލުތަފާތުވުންތައް އިދިކޮޅު ކޯލިޝަންގެ ހަތަރު ފާރުން ބޭރުވެ، އެއްބަޔަކު އަނެއް ބަޔަކަށް އެންމެ ފަހުން މިހާރު ވަނީ ބަހުގެ ހަމަލާތައް ބަދަލުކުރަން މިހާރުވަނީ ފަށާފައެވެ.

ރިޔާސީ އިންތިޚާބަށް އެއް ކެނޑިޑޭޓަކު ނެރުމުގެ މައްސަލައިގައި ޚިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް ކޯލިޝަން ރޫޅިގެން ނުދާނެ ކަމުގައި ޕާޓީތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު