ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާ އެންގުންތަކަށް އަމަލުކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ވަނީ އާދަޔާ ހިލާފަށް އިތުރުވެފައެވެ. އެގޮތުން އިއްޔެ އެކަނި ވެސް 600 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ، ރާއްޖެ އިން އިތުރު ރެކޯޑެއް ވަނީ ހަދައިފައެވެ. މިއީ އެއް ދުވަސްތެރޭގައި މިހާ ގިނަ ބަޔަކު ފައްސިވި ފުރަތަމަ ފަހަރެވެ.

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރޭތީ ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި ޕާކްތައް ފަދަ ތަންތަން ބަންދު ކުރުމާއި ކާފިއު ގަޑި ހަމަޖެއްސުން ހިމެނެއެވެ. އެގޮތުން މިރެއިން ފެށިގެން ކާފިއު ގަޑިއަކީ ދަންވަރު 12 އިން ފަތިހު ހަތަރަކަށެވެ.

އެޗްއާރްސީއެމުން އިން ބުނީ ބަލިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ކަމާބެހޭ އިދާރާތަކުން އަންގާފައިވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށާއި ރައްޔިތުންނަށް ލިބިދޭ ހައްގުތައް ލިބިގަތުމުގައި މިހާރުގެ ހާލަތާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"އެހެންކަމުން މި ހާލަތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގަވާފައިވާ އެންގުންތަކަށް ތަބާވެ އެ ގޮތަށް އަމަލުތައް ބެހެއްޓެވުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރަން" އެޗްއާރްސީއެމުގެ ބަޔާނުގައިވެއެވެ.

އަދި ކޮވިޑް-19 އާ ގުޅިގެން ހޮސްޕިޓަލްތަކުގެ އެނދުތައް ފުރެމުންދާ މި ދަނޑިވަޅުގައި މާބަނޑު މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނާއި ކުއްލި ޙާލަތްތަކުގައި ހޮސްޕިޓަލުން ހިދުމަތް ހޯދަންޖެހޭ ފަރާތްތަކަށް އެ ހިދުމަތްތައް ލިބޭނެ އިންތިޒާމް، ކަމާބެހޭ ފަރާތްތަކުން ހަމަޖެއްސެވުމަށް ސަމާލުކަމެއް ދިނުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ފާއިތުވި 24 ގަޑިއިރަށް ބަލާއިރު 601 މީހަކު ވަނީ ފައްސިވެފައެވެ. ޖުމްލަ ކޭސްތަކުގެ އަދަދު އުޅެނީ 31،931 އަށް އަރައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮވިޑް

    ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އާދޭހާއެކު ދަންނަވަން 00؛00 އިން 04 އާ ދެމެދު ކޮންމެ ވައިރަސް އެއްގެ ފަހަތަށް ޕޮލިހުންނާ އެމްއެންޑީއެފް އިން މީހުން ނެރެގެން ވެސް ތި ވައިރަސް ހިފަހައްޓާދީބަލަ، އެޗްޕީއޭގެ މައިމޫނާ އާއި ހެލްތު މިނިސްޓަރ އަށް ކަންޑަ އެޅިގެން އެބަ އެނގޭ 00؛00 އިން 04 އަށް ކަން ކޮވިޑް މަގު ތަކަށް ނުކުންނަނީ ، ކިހާ ފަސޭހަ މިކަން ކޮންޓް ރޯލް ކޮށްލަން ރާއްޖޭގަ،

  2. ޚކކ

    އަހަރުމެން އޮފީސް ނަރާބަރަށް ހުޅުވާފަ ކަމެއްނެތި ޑިއުޓީ ކުރަންވެސް ތިބެންޖެޖޭ އޯޓީ ދޭންވެގެންނޭ ބުނީ ސަބްވެރިޔަށް އޯޓީ ލިބެނީ މުވައްޒަފުން ނެރުނީމަޔޯ މީ ހާލަތު