އައްޑޫ ސިޓީ ހިތަދޫގައި ވަކި ތަރުތީބެއް ނެތި ނެގި ދެ ސުންކެއް ކޮވިޑް-19 އަށް ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު މައްޗަށް އަރައިފިއެވެ.

އެނގިފައިވާ ގޮތުގައި، މިއީ ހިތަދޫގައި ފެތުރިފައިވާ އިހަލާ ގުޅުން ހުރި ބައެއް ނޫނެވެ. ދެމީހުންނަކީ ބަލީގެ އަލާމާތް ހުރެގެން ހިތަދޫ ފްލޫ ކްލިނިކަށް ގުޅައިގެން ސުންކު ނެގި ދެމީހުންނެވެ. މި ދެ މީހުންނަކީ ދާދި ފަހުން ހުޅުމީދޫ އަށް ދިޔަ ބައެކެވެ.

އައްޑޫގައި މިހާރު ތިން އިހަލެއް އެބައޮތެވެ. . ޖުމްލަ 25 މީހުން މިހާރު ބަލި ޖެހިފައި އައްޑުއަތޮޅުގައި ތިބި އިރު އޭގެ ތެރޭގައި ހިމެނެނީ ހުޅުމީދޫ އިން ފައްސިވި 14 މީހަކާއި، ޝަންގްރިއްލާއިން ކަރަންޓީނުގައި ހުއްޓާ ފައްސިވި މީހެއްގެ އިތުރުން ހިތަދޫއިން ފައްސިވި 10 މީހުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު އައްޑޫ ސިޓީން ފުރަތަމަ ފައްސިވެފައި ވަނީ ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. އޭނާ ކޮވިޑަށް ފައްސިވުމާއެކު އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް އަރައި ފޭބުން ވަނީ މަނާ ކޮށްފައެވެ. މީގެ ކުރިން އެ ސިޓީގެ ރަށްތަކުގެ ތެރެއިން ވަކިން އޮންނަ ހުޅުމީދޫން ބަޔަކު ފައްސިވުމާއި ގުޅިގެން އެރަށަށްވެސް އަރައި ފޭބުން އޮތީ މަނާ ކޮށްފައެވެ.

އައްޑޫގައި ދާދި ފަހުން ކަރަންޓީނާ ހިލާފުވި މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެނގިފައިވާ ގޮތުގައި ކޮވިޑަށް ފައްސިވެފައި ވަނީ މާލެ އިން މުބާރާތެއްގައި ބައިވެރިވާން އައްޑުއަށް ދިޔަ މީހެކެވެ.

އައްޑޫގައި ކޮވިޑް ވޭދަނަތަ އިތުރުވެފައިވާތީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.

ރާއްޖެ އިން މިހާތަނަށް 31،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ 74 މީހުން ވަނީ ނިޔާވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބުޅޯ

    ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައި އޮތުމަށް ފަހު އިތުރުވާން ފެށީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދިން ލުއިތަކާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހުގަ އެވެ. ދަންނައެވެ. އޮބި ނޯވެ ފުޅާވެ ބޮޑުވެ ފެތުރެމުން މިދަނީ އިލެކްޝަން ކްލަސްޓާ އެވެ.