ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުކަމުގެ މަގާމަށް، ގ. މަސްއޮޑިގެ، ޝިފްލާ އިބްރާހީމް މިއަދު އައްޔަން ކުރައްވައިފިއެވެ.

ޝިފްލާ މި މަގާމަށް އައްޔަން ކުރައްވައި، މަގާމުގެ ލިއުން ހަވާލު ހަވާލު ކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޝިފްލާ ވަނީ އިސްލާމީ ޔުނިވަސިޓީއިން މާސްޓަ އޮފް އާޓްސް އިން ޖާނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސް ހާސިލްކުރައްވައިފައެވެ.

ޝިފްލާ އަކީ ދާއިރާގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. ޝިފްލާ ވަނީ ޕްރެޒެންޓަރެއްގެ އިތުރުން ނޫސްވެރިއެއްގެ ގޮތުގައި ޓީވީއެމްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފައެވެ. މި މަގާމަށް އައްޔަން ކުރެއްވުމާ ހަމައަށް އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ ސަންގު ޓީވީގެ ނިއުސް އެންކަރެއްގެ މަގާމުގައެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލީ ކޮމިޝަންގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތުގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ. މިދިޔަ މަހު ވަނީ ސަހާރަތުގެ މަގާމުގެ މުއްދަތު ހަމަވެފައެވެ.

ޝިފްލާގެ ނަން މީގެ ކުރިން ވެސް ބްރޯޑްކޮމްއަށް އައްޔަން ކުރަން ރައީސް އިބްރާޙީމް މުޙައްމަދު ސޯލިހް ފޮނުއްވިއެވެ. ޝިފްލާގެ ނަން އެއިން ކޮންމެ ފަހަރަކު އޮންނަނީ ވެސް އެމަނިކުފާނު ފޮނުއްވާ ނަންތަކުގެ ލިސްޓުގެ އެންމެ ފުރަތަމައަށެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި ނުވަތަ ތަޅުމުގައި ޝިފްލާގެ ނަން ފާސް ނުވެއެވެ.

ބްރޯޑްކޮމްއަކީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. އެ ކޮމިޝަންގައި މިހާރު ކުރީގެ ސަރުކާރުން އައްޔަން ކުރި މެންބަރުންގެ ތެރޭގައި ހިމެނެނީ އަމްޖަދު ވަހީދު އެކަންޏެވެ. ކޮމިޝަންގައި ދެން ތިއްބެވި މެންބަރުންނަކީ މިހާރު ހިނގާ މަޖިލީހުން ރުހުން ދީގެން މި ސަރުކާރުގައި އައްޔަން ކޮށްފައިވާ މެންބަރުންނެވެ.

އެއީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއާއި، ކޮމިޝަންގެ ނައިބު ރައީސް އަޙްމަދު ގައިސްއާއި، މެންބަރު އަލީ ޔޫސުފްއާއި، މެންބަރު އައިމިނަތު އަމީނާ (އަނާ) އާއި، މުޙައްމަދު ފަޒީންއެވެ.