އައްޑޫ ސިޓީގެ ހިތަދޫން މިއަދު ކޮވިޑަށް ފައްސިވެފައިވާ ދެ މީހުންނަކީ އެ ސިޓީގެ ހުޅުމީދޫ އަށް ދަތުރުކުރި ބައެއް ކަމަށް އައްޑޫގެ މޭޔަރު އަބްދުﷲ ޞާދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ އައްޑޫގެ އަދާހަމަތައް "ވަގުތު" އާ ހިއްސާކުރައްވަމުން ސޯބެ ވިދާޅުވީ މިއަދު އައްޑޫ އިން ފައްސިވެފައި ވަނީ ދެމަފިރިން ކަމަށެވެ. އެ މީހުންނަކީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ހުޅުމީދޫ އަށް ދަތުރު ކުރި ބައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހުޅުމީދޫ އިން ކޮވިޑްގެ ވޭދަނަތައް ފެނި ހުޅުދޫ އާއި މީދޫ އަށް އަރާ ފޭބުން މަނާ ކުރުމާއި އެކު އެ ދެ އަވަށަށް ދަތުރު ކުރި އެންމެން އެކަހެރިވެ ތިބުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އިރުޝާދު ދީފައެވެ.

ފައްސިވި ދެމަފިރިންނަކީ ވެސް އެގޮތަށް އެކަހެރިވެ ތިބި ބައެއް ކަމަށާއި އެ މީހުން ފައްސިކަން އެނގުނީ ސަވައިލެންސް އަށް ސުންކު ނަގާ ހެދި ޓެސްޓުތަކުން ކަމަށް ސޯބެ ވިދާޅުވިއެވެ.

" އެ ދެމީހުން ވެސް ތިބީ މި ބުނާގެން ކަރަންޓީނުގައި. މިދިޔަ ހަފްތާ ނޫނީ މި ހަފްތާ ކުރީކޮޅު ދަތުރު ކުރީ. އެހެންވީމަ އެކޮޅަށް ދަތުރު ކުރި އެންމެން ތިބީ ކަރަންޓީނުގައި." އޭނާ ވިދާޅުވިއެވެ.

މިއާއެކު ހިތަދޫން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 14 އަށް ވަނީ އަރައިފައެވެ.

ހުޅުމީދޫން އެންމެ ފުރަތަމަ ކޮވިޑަށް ފައްސި ވެފައިވަނީ މާލެ ދަތުރުކުރާ "ނިއުލައިން" ބޯޓުގެ ފަޅުވެރިއެކެވެ. އެ ބޯޓުގައި މަސައްކަތް ކުރާ ދިވެއްސެއްގެ ގައިން ކޮވިޑް-19 އިގެ އަލާމާތްތައް ފެންނާތީީ އޭނާގެ ސުންކު ނެގި އިރު ފައްސިވެފައިވާތީ ހުޅުދޫ މީދޫ މޮނިޓަރިން އަށް ލާފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އޭނާ ފައްސިވެފައިވާ ކަން އެނގުނީ ނިއުލައިން ބޯޓު އެ ރަށުގައި އޮންނަތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

އޭގެ ފަހުން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެ ބޯޓުގެ އިތުރު ފަޅުވެރިންތަކެއް ބައްޔަށް ފައްސި ވެފައިވާއިރު، އެ ރަށުން ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކެއް ވެސް ވަނީ ފައްސިވެފައެވެ. މީގެ އިތުރުން އެ ސިޓީގެ ގުޅިފައިވާ ރަށްތަކުން ވެސް ކޮވިޑްގެ ވޭދަނަތައް ފެނި އެ ސިޓީ އަށް އަރާފުރުން ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބުޅޯ

    ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައި އޮތުމަށް ފަހު އިތުރުވާން ފެށީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދިން ލުއިތަކާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހުގަ އެވެ.

  2. ހާކިމާ

    ހުޅުމީދޫ އިން ކޮވިޑްގެ ވޭދަނަތައް ފެނި ހުޅުދޫ އާއި މީދޫ އަށް އަރާ ފޭބުން މަނާ ކުރުމާއި އެކު އެ ދެ އަވަށަށް ދަތުރު ކުރި އެންމެން އެކަހެރިވެ ތިބުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އިރުޝާދު ދީފައެވެ.

    ސޯބެ ބުންޏަސް ހުޅު މީދޫ އެއް ނޯވޭ
    ނޫސްވެރިން މިކަންތައް އިސްލާހުކޮށް ބަލަ.