ހެލްތު މިނިސްޓްރީގެ ސްޓޭޓް އަދި ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތުގެ މަގާމަށް ޢާއިޝަތު ރަޝީދު، އަދި މިނިސްޓަރ އޮފ ހެލްތުގެ ނައިބުގެ މަގާމަށް ޢަބްދުއްޝުކޫރު ޢަބްދުލްހަކީމް މިއަދު ވަނީ އައްޔަން ކުރައްވައިފައެވެ.

މި ދެ ބޭފުޅުންގެ ތެރެއިން އައިޝަތު ރަޝީދާ އަކީ މީގެ ކުރިން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަގާމް އަދާކޮށްފައިވާ ކަނބަލެކެވެ. އަބްދުއްޝުކޫރު ވަނީ މީގެ ކުރިން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނައިބުގެ މަގާމް އަދާކުރައްވައިފައެވެ.

ދާދި ފަހުން ވަނީ ހެލްތު މިނިސްޓަރުގެެ ނައިބުގެ މަގާަމުގައި ތިއްބެވި އަލްއުސްތާޛާ ޝިޔާމާ މުޙައްމަދާއި ނިޝާމާ މުޙައްމަދު މިއަދު މަގާމުން ދުރުކޮށްފައެވެ.

ނިޝާމާ އަކީ ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެންނަން ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގް އާއި ހަވާލުކުރަން ހެލްތު މިނިސްޓްރީގެ ބިޑް ކޮމެޓީން ނިންމިއިރު އެކޮމެޓީގެ ޗެއާއެވެ.

ޝިޔާމާ އަކީ ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އިން ވެންޓިލޭޓަރު ގަންނަން އެއްބަސްވުމުގައި ސޮއި ކުރެއްވި ބޭފުޅާއެވެ.

ގާނޫނާއި ހިލާފަށް އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއަށް އެޑްވާންސަށް ފައިސާ ދިން މައްސަލަ އާއި ފައިސާ ދިނުމުން ވެސް ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގައި ޝިޔާމާ އާއި ނިޝާމާ މިދިޔަ އަހަރު ސަސްޕެންޑް ވެސް ކުރިއެވެ. އެ ދެކަނބަލުން ވަނީ ސަސްޕެންޝަންގައި ތިއްބެވި އިރުވެސް ހަތްމަސް ދުވަސް ވަންދެން މުސާރަ ދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލީ

    މީކޮން ޕާޓީގެ ސްލޮޓުތަކެއްކަން ބުނެލަދިންނަމަ މަޢުލޫމާތު ފުރިހަމަވީސް، ވަކިކުރި މިނިސްޓަރާއި ސްޓޭޓުއެއީ ޖޭޕީ، ކޯލިޝަން ކިހާވަރަކަށްތޯ މިހިފަހައްޓަނީ އެބަބަލަންޖެހޭ