މާންދޫ އިހާއާއި ގުޅުންހުރި އިތުރު ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން އާންމު ކޮށްފައިވާ ކޮވިޑް-19ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ގަން އަދި މާންދު އިން ހަ މީހަކު ވަނީ ފައްސިވެފައެވެ. މީގެ އިތުރުން 79 މީހަކު ނައްސިވެފައިވާއިރު، އަލަށް 36 ސުންކެއް ވަނީ ނަގާފައެވެ.

މި އިހާއާއި ގުޅުން ހުރި އިތުރު ހަ މީހަކު ފައްސިވުމާއި އެކީ ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 307 އަށް އަރާފައެވެ. އެއީ މިހާތަނަށް ނަގާފައިވާ 1،379 ސުންކުގެ ތެރެއިންނެވެ. މި ސުންކުތަކުގެ ތެރެއިން 989 ސުންކު ނައްސިވެފައިވާއިރު، ނަތީޖާ ނުލިބި 83 ސުންކެއް އުޅޭ ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މާންދޫ އިހާ އާއި ގުޅުން ހުރި މީހުން ފޮނަދޫ، ދަނބިދޫގައި ވެސް އެބަ ތިއްބެވެ.މާންދޫ އިހަލާއި ގުޅިގެން ގަމުން 130 އަށްވުރެ ގިނަ ގެއެއް ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ. އަދި ގަމުގެ ކެފޭތަކާއި ރެސްޓޯރެންޓްތަކުންގެ ހިދުމަތް ވެސް މިހާރު ވަނީ ހުއްޓުވާފައެވެ.

ފަހަކަށް އައިސް އަތޮޅު ތެރޭގައި ބަލީގެ ވޭދަނަތައް އިތުރުވަމުން އަންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަ ކޮށްފައެވެ. އެގޮތުން ކޮންމެ ދުވަހަކު ގޮތަކަށް އަތޮޅު ތެރެއިން 100 އަށްވުރެ ގިނަ މީހުން ފައްސިވާ ކަމަށް ވަނީ ރިކޯޑް ކުރެވިފައެވެ.

އެގޮތުން ފާއިތުވި 24 ގަޑިއިރު، 601 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 440 މީހަކީ މާލެ ސަރަހައްދުން ފައްސިވެފައިވާ މީހުންނެވެ. އަދި 141 މީހަކީ އަތޮޅުތަކުގެ ރަށްރަށުން ފައްސިވެފައިވާ މީހުންނެވެ. އަދި 19 މީހަކު ރިސޯޓުތަކުން ފައްސިވެފައިވެއެވެ. މިއާއި އެކީ ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 31،931 އަށް އަރާފައެވެ.