ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ތެރެއިން އެކަހެރި ކުރަން ޖެހޭ މީހުން އެކަހެރި ކުރަން ބޭނުންކުރަމުން އަންނަ ފަރުކޮޅުފުށީ އައިސޮލޭޝާން ފެސިލިޓީ ފުރިއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީ ފުރިފައިވާކަން ކަށަވަރު ކޮށްދީފައެވެ. އޭނާ ވިދާޅުވީ ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީ ފުރުމުން ވެލިދޫ އައިސޮލޭޝަން ފެސިލިޓީ މާދަމާ އޮޕަރޭޝަނަށް ގެންނާނެ ކަމަށެވެ.

ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީގައި 111 އެނދު ހުންނަ ކަމަށް މަބްރޫކް މިރޭ ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި 7109 މީހުން ކޮވިޑް ބަލި މީހުންގެ ތެރޭގައި އެބަތިއްބެވެ. އޭގެތެރެއިން 198 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދަނީ ހޮސްޕިޓަލްގައި ފަރުވާ ދޭން ނުޖެހޭ ނަމަވެސް ސިއްހީ ހާލަތު ހުރިގޮތުން އިތުރަށް ބަލަހައްޓަން ޖެހޭ މީހުންނާއި، ދިރިއުޅޭ ތަނުގައި އެހެން މީހުންނާއި އެކަހެރި ވެގެން ތިބެވެން ނެތް މީހުންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްތަކަށް ބާރު ބޮޑުވަމުން އަންނައިރު ހުޅުމާލޭ ފެސިލިޓީގައި ހުންނަ 248 އެނދުގެ ތެރެއިން 171 އެނދުގައި މިހާރު ބަލި މީހުން އެޑްމިޓް ކޮށްފައި އެބަތިއްބެވެ. އެހެންކަމުން ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ %68 މިހާރު ވަނީ ފުރިފައެވެ.

މިރޭ މަބްރޫކް ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލްގައި ވަކިން ހުރި އިމާރާތެއް މިހާރު ކޮވިޑް ފެސިލިޓީއަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެތަނުގައި 50 އެނދު ބަހައްޓާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮރަލް

    އިންތިހާބު ބާއްވައިފި އެވެ.

  2. ސޮނިބެ

    ހުރިހާ ތަނެއްވެސް ފުރިބަންޑުންވެސް ވާނެ ގަދަވެ ސަލާމަތުން ތިބޭމީހުންނަށް ފިރުވާދެންޔާ

  3. ދިވެހިސޮރު

    ދަރުމަވަންތަ ހޮސްޕިޓަލްގަ ހުސް ފްލޯރ ހުންނާނެ.. ސެޓަޕް ތައްޔާރުކުރޭ އިތުރު ތަންތަން ކުއްޔަށް ހިފަކަށް ނުޖެހޭ ބޯގަޅި ސަރުކާޜު

    2
    1
  4. Happy 321

    ޢިންތިހާބުގެ ހިތި މިފެންނަނީ😢

  5. ދިވެހި ދަރިއެތއ

    20 އެދު 50 އެދުބަހައްޓާފަ މިބުނަނީ ހޮސްޕިޓަލްތައް ފުރިއްޖޭ ކޮބާ އަދި ހާހެތްހާ މީހުން އެޑްމިޓް ކުރަންޖެހިއްޖެއްޔާ ވާނީ ކިހިނެތް

  6. ސަޓޯ

    އަންނި ގެނައި އިންޑިއާ މީހުންތައް ދޯ އޮތީ އެތާ...

    2
    1