ލ.އަތޮޅު މާވަށުން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާވަށުން ކޮވިޑަށް ފައްސިވެފައި ވަނީ އުމުރުން ދުވަސްވީ މީހެކެވެ. އޭނާ ކޮވިޑަށް ފައްސިވީ ބަލީގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދެއްކުމުން ކޮވިޑަށް ޓެސްޓް ކުރިއިރުއެވެ.

މާވަށަށް އަރައި ފޭބުން މިހާރު ވަނީ މަނާކޮށްފައެވެ. މާވަށު ކައުންސިލްގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ އެރަށުގެ ހަގެއެއް މިހާރު މޮނިޓަރިންގެ ހާލަތައް ގެނެސްފައިވާ ކަމަށެވެ.

ލ.އަތޮޅުގެ ގިނަ ރަށްތަކެއްގައި މިހާރު ކޮވިޑް ބަލި މީހުން އެބަތިއްބެވެ. އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ މަސް ފެކްޓްރީއެއް ހުންނަ މާންދޫންނެވެ. މާންދޫ އާއި ގަން އަދި ފޮނަދޫން ފައްސިވި މީހުންގެ އަދަދު މިހާރު 300 އަށްވުރެ ގިނައެވެ. އޭގެ އިތުރުން މާބައިދޫ، ދަނބިދޫ އަދި އިސްދޫން ވެސް ވަނީ ކޮވިޑަށް މީހުން ފައްސިވެފައެވެ.