އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތަހުގީގާ ގުޅުވައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން ކޮމިޝަންތަކަށް ހާޒިރު ކުރަމުން ދަނީ ސަރުކާރާއެކު "ޑީލް" ހަދާތޯ ބަލަން ކަމަށް އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ، ޚިޔާނާތްތައް ތަހުގީގު ކުރަން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް) ސަލީމް ހާޒިރު ކުރުމާ ގުޅިގެން "ވަގުތު" ގައި ޝާއިއު ކޮށްފައިވާ ޚަބަރެއް ޓްވީޓާގައި ޚިއްސާ ކުރައްވަމުންނެވެ.

އާދަމް ޝަރީފް ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ބައިވެރިން ތިބީ ސަރުކާރާ އެކު "ޑީލް" ހަދައިގެން ކަމަށާއި އިދިކޮޅު މެންބަރުން ވެސް ކޮމިޝަންތަކަށް ހާޒިރު ކުރަމުން ދަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް ޚިޔާނާތުގެ ތަހުގީގު ބައްޓަން ކުރަން "ޑީލް" ހެދުމަށް ކަމަށެވެ.

"އެ ލިސްޓުން ނަން ޑިލީޓް ކުރެވޭނެ ގޮތް މެންބަރު ސަލީމްއަށް އެނގިވަޑައިގަންނަވާނެ، ބައެއް މެންބަރުންގެ ނަން މިހާރު ވެސް ޑިލީޓް ކޮށްފި،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ، ސަލީމް ހާޒިރު ކުރުމުގައި ފޮރުވިފައިވާ އެހެން ސިއްރަކީ މައިނޯރިޓީ ލީޑަރު ކަމުގެ މަޤާމުން އޭނާ ވަކި ކުރުން ކަމަށެވެ. އެ މަޤާމުން އިސްތިއުފާ ދެއްވުމަށް ވެސް އޭނާއަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށާއި އެހެންވިޔަސް ސަރުކާރުން ބޭނުންވާ ގޮތެއް ހަދާ މީހަކު ގެނައުމަށް ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ މި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަށާއި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ބައެއް ބޭފުޅުންނަށް ވެސް ލިބިފައިވާ ކަމުގެ ތުހުމަތު ކުރެވެއެވެ. އެކަމަކު އެ މައްސަލަތައް ލަސްކޮށް ހަމައެކަނި ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުންނަށް ދައުވާ އުފުލާތީވެ ޚިޔާނާތުގެ ތަހުގީގުގެ ސައްހަކަމާ މެދު އިދިކޮޅު ކޯލިޝަނުން ސުވާލު އުފައްދައެވެ.

މި ސަރުކާރުގައި މި މައްސަލަ ތަހުގީގު ކުރަމުންދަނީ ރައީސް ޞާލިޙް އުފެއްދެވި ރިޔާސީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީސް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޖޮއިންޓް އިންވެސްޓިގޭޓިވް ކޮމިޝަނަކުންނެވެ.

މި ޚިޔާނާތުގައި މިހާތަނަށް ދައުވާ އުފުލައިގެން ޝަރުއީ މަރުހަލައިގެ ތެރެއިން ހުކުމެއް އައިސްފައިވަނީ އަދީބުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އެކަންޏެވެ. މި ތިން ބޭފުޅުން ވެސް މި ވަގުތު ތިއްބެވީ ގޭބަންދުގައެވެ.

އިތުރު ދައުވާތަކެއް މިހާތަނަށް އުފުލާފައި ވަނީ ވެސް ރައީސް ޔާމީނާއި މި ސަރުކާރުގެ އިދިކޮޅު ޚިޔާލުތަކުގެ ބޭފުޅުންގެ މައްޗަށެވެ. ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ 300 އަށް ވުރެ ގިނަ މީހުންގެ ލިސްޓެއް އެކުލަވާލާފައިވާއިރު ލިސްޓުގައި ހިމެނޭ މީހުންގެ ނަންތައް ހާމަކުރަމުން ދަނީ ޚިޔާނާތުގައި ބައިވެރިވި ކަމަށް ޝަރީއަތުގައި ބައިވެރިވެވޭނެ ކަމުގެ އެކަށޭނަ ހެކި ލިބި، ދައުވާ ކުރެވޭ މަރުހަލާއިންނެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތަހުގީގު ފުރިހަމަކޮށް ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް ޚިޔާނާތުގެ ތަހުގީގު ލަސްވަމުންދާތީ ގިނަ ބައެއްގެ ފާޑުކިއުންތައް ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެދުރުބެ

    ވާވަރަށް ކައިގެން ތިބިކަން ނުދަންނަ ރައްޔިތަކު ނޫޅޭނެ. އެތިކޮޅުގައި އެކި ގޮތްގޮތަށް ޖެހިފަ ތިބި މީހުންނާއި އެމީހުންގެ ދަށުގައި ތިބި މީހުން މިހާރު ޕީ.ޕީގައި ތިބީ!

  2. ކުޑޫ

    ތިއީ ތެދެއް

  3. ކާފަ

    އެ ފައިސާ ކައިގެން ތިބީ މ ޑ ޕ މީހުން . ވެރިކަން ލިބި އަކަންވެސް ނުބެލިގެން އެއުޅެނީ މޑޕ މެންބަރުންގެ ސޯޓުބޭލޭނެތީވެ. ޒީރޯ ޓޮލޮރޭންސްއޭ ކިޔައިގެން ވައްކަންކުރުން އޮތީ..