ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދިވެހިރާއްޖެ އަށް އާމަންދޫބަކު އައްޔަން ކުރައްވާފައިވާ ކަމަށް އެޖަމިއްޔާ އިން ވިދާޅުވެއްޖެއެވެ.

ޑަބްލިއުއެޗްއޯ އިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައެޅުއްވި މަންދޫބަކީ ބަންގްލަދޭޝްގެ ބޭކަނބަލެއް ކަމަށްވާ ނަޒްނީން އަންވަރު ކަމަށެވެ. ނަޒްނީން އަކީ ޕަބްލިކް ހެލްތު ދާއިރާގައި މަސައްކަތް ކުރައްވާ އެދާއިރާގެ 35 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭކަނބަލެކެވެ.

ނަޒްނީން ވަނީ މިހާރު މަގާމުގެ ލިޔުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އަރުވާފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އޭނާ އަދި ރާއްޖެ ވަޑައިގެން މަސައްކަތް ފެއްޓެވިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ނަޒްނީން އަކީ ހަވާޑް ޔުނިވަސިޓީން ޕަބްލިކް ހެލްތު ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާ ބޭކަނބެލެކެވެ. އޭނާ ވަނީ މެންޓަލް ހެލްތާއި، ސިއްހީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމާއި، ސިއްހީ ދާއިރާ އާއި ގުޅުން ހުރި ޕްލޭންތައް ތައްޔާރު ކުރެއްވުމުގައި މަސައްކަތް ކުރައްވާފައެވެ.

ނަޒްނީން މީގެ ކުރިން ވަނީ އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުގައި ޑަބްލިއުއެޗްއޯގެ އެކި މަގާމުތައް ފުރުއްވާފައެވެ. އަދި އޭގެ އިތުރުން ބަންގްލަދޭޝްގެ ހެލްތު މިނިސްޓްރީގައި ވެސް ކުރިން އޭނާ މަސައްކަތް ކުރެއްވިއެވެ.

ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް އެންމެ ފަހުން ކަނޑައެޅުއްވި މަންދޫބަކީ ޑޮކްޓަރ އަރުވިންދު މާތުރު އެވެ. އޭނާ ވަނީ ދައުރު ހަމަކުރެއްވުމަށް ފަހު މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ރާއްޖެ އިން ފުރައިވަޑައިގެންފައެވެ.