ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިިމަތިވުމުން ސިއްޚީ މާހިރުން ދެމުންދިޔަ އިސްތިމާސްތަކަށް ދިވެހި އާންމު ރައްޔިތުން ދިޔައީ އަމަލު ކުރަމުން ކަމަށާއި އެކަމަކު ސަރުކާރުން އަމަލު ނުކޮށް ދިޔަ ހިސާބުތައް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ސާފުކޮށްދޭން ޖެހޭ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ނައިފަރު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާޗު 2020 ގައި މުޅި ރާއްޖެ ފުރަބަންދަކަށް ދިޔަ ދުވަހުން ފެށިގެން އާންމު ރައްޔިތުންގެ ކިޔަމަންތެރިކަން ފެނިގެން ދިޔަ ކަމަށެވެ. އެކަމަކު ރައްޔިތުން ގޭބަންދުގައި ތިބި ދަނޑިވަޅުގައި ސަރުކާރުން ހިންގި "ޖަރީމާތައް" ފެންނަން އެބަ އޮތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިޝާރާތް ކުރެއްވީ، މުޅި ރާއްޖެ ފުރަބަންދުގައި އޮތް ދަނޑިވަޅުގައި ކޮވިޑް-19 ގެ ބަލިމަޑުކަމަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ހިންގި މުއާމަލާތްތަކުގެ ތެރެއިން ހެލްތު މިނިސްޓްރީގެ އެތެރެއިން ހިންގާފައިވާ ޚިޔާނާތަށެވެ. އެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ހެލްތުގެ އިސް ބޭފުޅުންތަކެއް މަޤާމުން ވަކިކޮށްފައިވާއިރު އޭރުގެ މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭހެން 11 ބޭފުޅެއްގެ މައްޗަށް ދައުވާ އުފުލަން ވެސް ފޮނުވުނެވެ. އެކަމަކު އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ދައުވާ އަދި ނުއުފުލަށް ނިންމައިފައެވެ.

"ދިވެހިންނަކީ ކިޔަމަންތެރި ބައެއް، ސަރުކާރުން ބަސް ނޭހި ހިސާބެއް އެޗްއީއޯސީގެ ޓެގް ޓީމުން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ،" ޝިޔާމް ކުރެއްވި ޓްވީޓްގައިވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އެންމެ ނުރައްކާތެރި ރާޅު ރާއްޖެއަށް ބިންދާލާފައިވާއިރު މި ކަމުގެ ސީރިއަސްކަން ޑޮކްޓަރުން ވެސް ދަނީ ފާހަގަކުރަމުންނެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ވެސް ވަނީ ފުރިފައެވެ. ރާއްޖޭގައި ހުރި ކޮވިޝީލްޑް ވެކްސިން ވެސް ގާތްގަނޑަކަށް ހުސްވެފައިވާއިރު އިތުރު ޑޯޒްތައް ލިބެން ދެ ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ. މިހެންވެ ދީފައިވާ ލުއިތައް މެދުކަނޑާލައި އަނެއްކާ ވެސް ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ.

އިއްޔެ އެކަނި 734 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާއިރު އެއީ އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވެފައިވާ އަދަދެެވެ. އޭގެ ކުރީ ދުވަހު އެކަނި 600 އެއްހާ މީހުން ފައްސިވިއެވެ. އެއީ އެ އަދަދަށް މީހުން ފައްސިވި ފުރަތަމަ ދުވަހެވެ. ދުވަހުން ދުވަހަށް ފައްސިވާ މީހުންގެ އަދަދު ވެސް އިތުރުވާއިރު، ފާއިތުވި ދުވަސްތަކުގައި ޓެސްޓް ކުރާ މީހުންގެ ތެރެއިން ފައްސިވާ ނިސްބަތް ވެސް ދަނީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ބަރުގޮނު

  އެޗް.ޕީ.އޭ ގެ އިރުޝާދުތަކާ ޚިލާފަށް ބައި ހަދާފައި ނުކުމެ ޝިޔާމުމެން މުޒާހަރާ ކުރިކަން ޤަބޫލުކުރުމާއެކު މުޒާހަރާ ކުރި ދުވަސްތަކުގެ ޢަދަދުވެސް ހާމަ ކޮށްލުން ރަގަޅު. ޝިޔާމަކީ "ބޮޑު ވާހަކަ" އެއް ދައްކާލައިގެން މީޑިއާ ގައި މަޝްހޫރުވާން ޝަވްޤުވެރިވާ މެމްބަރެއް. ސަރުކާރުގެ ބަލިފައި ދައްކާ ގޮތަށް ތިމާމެންގެ ޕާޓީއިން ކުރި ދެރަ ކަންތައްތަކަށްވެސް އެއްބަސް ވާނަމަ ރަގަޅު.

  3
  10
 2. މޯދީ މާމަ

  ޝިޔާމް ކަލޭ ވާހަކަ ނުދައްކާ ހުރޭ.. މުޅިމާލޭގައި ތިއެއްފެތުރީ ޕޕމ މީހުން މުޒާހަރާކޮއްގެން...

  1
  11
 3. ޒިޔާ

  ނަައިފަރު މެންބަރު ސަބަބުން ަެހެން ވީ

  1
  10
 4. ނައިފަރޭ

  ޗަކޮޔާ ކަލޭ ދޯ އުޅުނީ ކެމްޕޭނުކުރަން ރަށްރަށަށް ނުދެވިގެން އެޗްޕީއޭ އަށް ބަވަބަވައިފަ

  1
  1
 5. އަބޫ

  ތިވާހަކަ ދައްކަން ނައިފަރޭ ތާހިރެއްނޫން އިގޭ. އެޗްޕީއޭގެ ގައިޑްލައިނާ އެންމެބޮޑައް ހިލާފުވި ބަޔަކީ ތި ޕީޕީއެމް އާ ޕީއެންސީގެ މަގުމަތި ހަލަބޮލިކުރި ގުރޫޕް. ދެން ސަރުކާރުގެ ވެރިން. އެހެންވީމަ ބަސްއެހި ރައްޔިތުންނަކީ އިދިކޮޅުގަވެސް އެއްކޮޅުގަވެސް ތިބި އެޗްޕީއޭގެ އެންގުންތަކައް ތަބާވީ ބަޔަކު. އެޗްޕީއޭގެ އެންގުމައް ތަބާވީ މީހަކައް ނުވެ ކޮވިޑް ފެތުރުމުގެ ޒިންމާ ނަގައްޖެހޭނެ ނައިފަރު ޝިޔާމު ވެސް.

  1
  1