އައްޑޫ ސިޓީ، ހިތަދޫން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އެ މީހާއަކީ އިއްޔެ ފައްސިވި މީހާއާ ޑައިރެކްޓް ކޮންޓެކްޓެކެވެ.

އައްޑޫ ސިޓީގެ ކޮމިއުނިޓީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދު ފައްސިވި މީހާ އަަކީ އިއްޔެ ކޮވިޑަށް މީހެއްގެ ޑައިރެކްޓު ކޮންޓެކްޓެކެވެ. އެހެންނަމަވެސް މިކަމާއި ގުޅޭގޮތުން ކަމާއި ބެހޭ ފަރާތްތަކުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ވަނީ ހިތަދޫ ކްލަސްޓަރގެ ކޮންޓެކްޓުންގެ ތެރޭގައި 60 މީހުން ހިމެނޭ ކަމަށާއި އެ އެންމެންގެ ސުންކު ނަގައި ޓެސްޓު ކުރަމުންދާ ކަމަށް ބުނެފައެވެ.

އައްޑޫ ސިޓީގެ ހިތަދޫން އިއްޔެ ވެސް ދެމީހުން ކޮވިޑަށް ފައްސިވިއެވެ. ކޮވިޑަށް ފައްސިވެފައިވާ ދެ މީހުންނަކީ އެ ސިޓީގެ ހުޅުމީދޫ އަށް ދަތުރުކުރި ބައެއް ކަމަށް އައްޑޫގެ މޭޔަރު އަބްދުﷲ ޞާދިގު (ސޯބެ) ވިދާޅުވިއެވެ.

ހުޅުމީދޫން އެންމެ ފުރަތަމަ ކޮވިޑަށް ފައްސި ވެފައިވަނީ މާލެ ދަތުރުކުރާ "ނިއުލައިން" ބޯޓުގެ ފަޅުވެރިއެކެވެ. އެ ބޯޓުގައި މަސައްކަތް ކުރާ ދިވެއްސެއްގެ ގައިން ކޮވިޑް-19 އިގެ އަލާމާތްތައް ފެންނާތީީ އޭނާގެ ސުންކު ނެގި އިރު ފައްސިވެފައިވާތީ ހުޅުދޫ މީދޫ މޮނިޓަރިން އަށް ލާފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އޭނާ ފައްސިވެފައިވާ ކަން އެނގުނީ ނިއުލައިން ބޯޓު އެ ރަށުގައި އޮންނަތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

އޭގެ ފަހުން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެ ބޯޓުގެ އިތުރު ފަޅުވެރިންތަކެއް ބައްޔަށް ފައްސި ވެފައިވާއިރު، އެ ރަށުން ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކެއް ވެސް ވަނީ ފައްސިވެފައެވެ. މީގެ އިތުރުން އެ ސިޓީގެ ގުޅިފައިވާ ރަށްތަކުން ވެސް ކޮވިޑްގެ ވޭދަނަތައް ފެނި އެ ސިޓީ އަށް އަރާފުރުން ވަނީ މަނާކޮށްފައެވެ.

އައްޑޫ އިން މިވަގުތު ޖުމުލަ ހަތަރު އިހާ ފެނިފައިވާ އިރު ކޮންޓެކްޓުންގެ އަދަދު މިވަނީ 189 އަށް އަރާފައެވެ. އެގޮތުން އިއްޔެ ފެނުނު ސަވައިލެންސް ކްލަސްޓަރ ގެ ކޮންޓެކްޓުންގެ ގޮތުގައި 28 ފަރާތެއް ފާހަގަ ކުރެވިފައިވާކަމަށް އޭއީއެޗްއިން ވަނީ ބުނެފައެވެ.

އައްޑޫގެ މި ވަގުތު ކޮވިޑް-19 އެކްޓިވް ކޭސް އަދަދު މި ވަނީ 28 އަށް އިތުރުވެފައެވެ.