ކޮވިޑް-19 އާ ގުޅިގެން ފުވައްމުލައް ސިޓީ އަށް އަރައި ފޭބުން މިއަދު މަނާކޮށްފިއެވެ.

އެ ރަށް މޮނިޓަރިން ހާލަތަށް ގެނެސްފައި މިވަނީ އެ ސިޓީގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ފައްސިވުމުންނެވެ. ފައްސިވެފައިވަނީ ރޯގާގެ އަލާމާތް ހުރުމުގެ ސަބަބުން އެ ރަށުގެ ފްލޫ ކްލިނިކަށް އިއްޔެ ދެއްކި މީހެކެވެ.

މި މީހާއަކީ ފާއިތުވި ދުވަސްތަކުގައި ދަތުރެއްކޮށް ނުވަތަ ކޮންޓެކްޓް ވުމުގެ ސަބަބުން ކަރަންޓީނު ކުރި މީހެއް ނޫނެވެ. އެހެންކަމުން ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ފަށާފައިވާ އިރު، އެ މަސައްކަތް ނިމެންދެން އޮންނާނެއެވެ.

ފުވައްމުލަކުގައި ކަރަންޓީންގައި ނެތް މީހަކު ކޮވިޑަށް ފައްސިވުމާ ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ކައުންސިލަށް ފޮނުއްވި އެންގުމެއްގައި ވަނީ އެ ރަށް މޮނިޓަރިން ހާލަތަށް ގެނައީ ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމުގެ ގޮތުން ކަމަށެވެ.

އެހެންވެ، ރަށުގައި ތިބި އެއްވެސް މީހަކު، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަން ދެން ރަށުން ފޭބުމާއި އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާ ކުރާ ކަމަށް ވެސް އެ އެންގުމުގައިވެއެވެ.

ފުވައްމުލައް މޮނިޓަ ކުރުމާ ގުޅިގެން އެޗްޕީއޭ އިން އަންގާ ގޮތެއްގެ މަތިން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދީ މިކަމުގައި ރަށުގެ ކައުންސިލްގެ އިދާރާގެ ފަރާތުން ކުރަން ޖެހޭ ކަންކަން ވިލަރެސް ކުރާނެ ފަރާތެއް ކަނޑައަޅައި ދިނުމަށް ވެސް އެންގުމުގައިވެއެވެ.

ފުވައްމުލަކުގައި މީގެކުރިން ވެސް ކޮވިޑް-19 ގެ ވޭދަނަތަކެއް ފެނިގެން އެ ރަށަށް އަރައި ފޭބުން މަނާކުރިއެވެ.

ރާއްޖެ އިން މިހާތަނަށް 32،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ 75 މީހުން ވަނީ ނިޔާވެފައެވެ.