ރާއްޖޭގެ މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދިނުމާއި މެދު އަދި ގޮތެއް ނިންމާފައެއް ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މަބްރޫކް މިހެން ވިދާޅުވެފައި ވަނީ، ރާއްޖޭގައި މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދޭން ނިންމާފައިވާ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި އިމިއުނައިޒޭޝަންގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ޗެއާމަން ޑރ. އަހުމަދު ފައިސަލް ވިދާޅުވެފައި ވަނިކޮށެވެ.

ޑރ. ފައިސަލް މިގޮތަށް ވިދާޅުވެފައި ވަނީ އައިޖީއެމްއެޗުގެ ޑައިޓީޝަން އާޝިއާ އަބްދުއްރަހީމް ޓްވީޓާ މެދުވެރިކޮށް އޭނާގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމުން އެއަށް ޖަވާބުދެއްވަމުންނެވެ. މާބަނޑު މީހުންނަށް ކުރިމަތިވާ ނުރައްކަލާއި ގުޅޭގޮތުން އާޝިއާ ފާޅުކުރި ކަންބޮޑުވުމަށް ޖަވާބުދެއްވަމުން ޑރ. ފައިސަލް ވިދާޅުވީ މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދޭން ފަށަން ނިންމާފައިވާ ކަމަށެވެ.

ޑރ.ފައިސަލް މިގޮތަށް ވިދާޅުވެފައި ވަނިކޮށް، މީގެ އިރުކޮޅެއް ކުރިން މަބްރޫކް އެޗްއީއޯސީގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، މާބަނޑު އަންހެނުންނަށް ފައިޒާ ވެކްސިން ދިނުމާއި ގުޅޭގޮތުން އަދި ގޮތެއް ނުނިންމާ ކަމަށެވެ.

މިހާރު ރާއްޖޭގައި ކޮވިޑަށް ފައްސިވާ މާބަނޑު އަންހެނުންގެ އަދަދުތައް ވަނީ އިތުރުވެގެން ގޮސްފައެވެ. އަދި ރާއްޖޭގައި މިހާރު ކޮވިޑްގެ ނުރައްކާ މި ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން އިއްޔެ އެކަނިވެސް 700 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު