ގދ. ގައްދޫ ކައުންސިލްގެ އިންތިޚާބީ ރައީސް މުޙައްމަދު އަޙްމަދު ޝަރީއަތް ނިމެންދެން ޖަލުގައި ހުންނަނިކޮށް އޭނާ ދޫކޮށްލަން ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ކުުރި ހުކުމް ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ދެ މައްސަލައެއްގައި ދަޢުވާ ލިބޭ ގދ. ގައްދޫ، ވިންސެންޓް، މުޙައްމަދު އަޙްމަދު ދޫކޮށްލަން ނިންމި ނިންމން އިސްތިނާފް ކުރަން ހައި ކޯޓުގައި އެދިފައިވާނެ ކަމަށެވެ.

މި މައްސަލަ ހައި ކޯޓުން ބަލައިގެންފައިވާ ކަން ނުވަތަ ނޫން ކަން އަދި އެނގިފައެއް ނުވެއެވެ.

މިބާވަތުގެ މައްސަލަތަކުގައި ދައުވާ ލިބޭ މީހަކު އިންތިޚާބެއްގައި ވާދަކޮށް ކާމިޔާބު ވުމަކީ އޭނާގެ ފަރާތުން މުޖުތަމައުގެ ކުޑަކުދިންނަށް އޮތް ނުރައްކާ ނެތިދާ ސަބަބެއް ކަމަށް ދައުލަތުން ނުދެކޭ ކަމަށް ޕީޖީއިން ވިދާޅުވެފައިވެއެވެ. އެ ނިންމުމާއި، އެ ނިންމުން ބިނާކުރި ކަމަށް ބުނާ ސަބަބުތައް ދައުލަތަށް ބަލައި ނުގަނެވޭ ކަމަށް ވެސް ޕީޖީން ވިދާޅުވެފައިވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ދަނިކޮށް ގައްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓް ބަންދު ކޮށްފައި ވަނީ ރަނގަޅު ތުހުމަތުތަކެއްގައި ކަމަކަށް ޕީޕީއެމްއާއި ޕީއެންސީއިން ޤަބޫލެއް ނުކުރެއެވެ.

އިންތިޚާބުތަކުގެ ޤާނޫނުގައި އޮންނަ ގޮތުން ކުށެއްގެ ތުހުމަތު ކުރެވުނަސް، ޝަރީއަތުގައި މި ދައުވާތައް ސާބިތުނުވާހާ ހިނދަކު އެ މީހަކަށް އިންތިޚާބުގައި ވާދަކުރެވޭނެއެވެ. އެކަމަކު އިންތިޚާބު ކާމިޔާބު ކުރުމަށް ފަހު ޝަރީއަތަށް ޖިނާއީ ކުށް ސާބިތު ވެއްޖެ ކަމަށް ކަނޑައަޅައިފި ނަމަ، އެ މީހެއްގެ ގޮނޑި ގެއްލޭނެއެވެ.