މަންދު ކޮލެޖާއި ސަރުކާރާއެކު ވެފައިވާ އެއްބަސްވުން ޤާނޫނާ ޚިލާފަށް ކުރީގެ ސަރުކާރުގައި އުވާލައިގެން މަންދު ކޮލެޖްގެ ވެރިޔާ އިބްރާޙީމް އިސްމާއީލް (އިބްރާ) އަށް ޙައްޤު ބަދަލު ދޭން ޖެހޭ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށާއި އެކަމަކު އެ ބަދަލު ކަނޑައަޅާނީ ޝަރީއަތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަންދު ކޮލެޖު ހިންގާ ކުންފުންޏަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ރައީސް އޮފީހުގެ ސެޓަލްމަންޓް ކޮމިޓީއިން ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އެ ކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެ ބަދަލު ނަގައިދޭން ނިންމީ އޮންނަ އުސޫލުތަކުގެ ތެރެއިން ނޫން ކަމަށް އެ މެންބަރުން ވިދާޅުވެއެވެ.

ރައީސް ނަޝީދު ޒޫމް މެދުވެރިކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ މަންދު ކޮލެޖާއި ހިންގަން ޖެހޭ ސްކޫލްގެ ކަންކަން ވެސް ކުރިއަށް ދަނިކޮށް އޭރުގެ ސަރުކާރުން އެއްބަސްވުން އުވާލާފައި ވަނީ ވަރަށް ބޮޑަށް ބޭއިންސާފުން ކަމަށެވެ. މަންދު ކޮލެޖްގެ ވެރިޔާ އިބްރާއަށް ހައްގު ބަދަލު ދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެހެންވިޔަސް އެ ބަދަލަކީ ޝަރީއަތުން ކަނޑައަޅަން ޖެހޭ ބަދަލެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެ ބަދަލު ކަނޑައަޅާނީ ޝަރީއަތުން، އަޅުގަނޑުމެން [އެމްޑީޕީން ނޫނީ ސަރުކާރުން] ނިންމަން ޖެހޭ ކަމެއް ނޫން އެއީއެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މަންދު ކޮލެޖަށް ބަދަލު ނަގައިދިނުމާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން ނުރުހުން ފާޅުކުރައްވަމުން ގެންދެވިއިރު، އިބްރާ ވެސް ގެންދެވީ މީސް މީޑިއާގައި އެ މެންބަރުންނަށާއި ރައީސް ނަޝީދަށް ބަހުގެ ހަމަލާތައް ރައްދު ކުރައްވަމުންނެވެ. މީގެ ކުރިން ދުވަހަކު ވެސް ނަޝީދަށް ފާޑުވިދާޅު ނުވާ ވަރަށް އިބްރާ ގެންދެވީ އެމަނިކުފާނަށް ފާޑުވިދާޅުވަމުންނެވެ.

މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާގެ ބަދަލެއް ދޭން މި ސަރުކާރުން އެއްބަސްވެފައިވާއިރު، އިބްރާއަކީ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ބޭބެއެވެ. އަދި ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސެޓަލްމެންޓް ކޮމިޓީގެ ފަރާތުން އެ އޮފީހުގެ ލީގަލް ކައުންސެލް އަޙްމަދު އަބްދުﷲ އަފީފް ވާހަކަ ދެއްކެވިއިރު އެއީ އިބްރާއާއި ފައްޔާޒުގެ ޅިޔަނެކެވެ. މީގެ ކުރިން އެ އާއިލާގެ ބޭފުޅުންގެ މަސްލަހަތު އޮންނަ ބިގް ކުންފުންޏަށް ވެސް މި ސަރުކާރުގައި ބަދަލު ނަގައިދީފައިވެއެވެ.

މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް) ހިންގި އިމާރާތް މަންދު ކޮލެޖަށް ދީފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެއީ 2010 ވަނަ އަހަރުގައެވެ. އޭރު އެއްބަސްވުމުގައިވާ ގޮތުން އިންޓަނޭޝަނަލް ސްކޫލެއް ހިންގަން އޮތް ނަމަވެސް އެ ތަނުގައި ހިންގަމުން ދިޔައީ ޕްރައިވެޓް ކޮލެޖެކެވެ. މި ސަބަބު ފާހަގަކޮށް ރައީސް ޔާމީންގެ ވެރިކަމުގައި އެއްބަސްވުން ބާތިލް ކުރިޔަސް އެއީ ސިޔާސީ ސަބަބުތަަކަކާ ގުޅިގެން ކުރި ކަމެއް ކަމަށް އޭރު އަޑު ފެތުރުނެވެ.

މި މައްސަލަ މަންދު ކޮލެޖްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ އެ ކޮލެޖާ ދެކޮޅަށެވެ. ދެން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށްފައެވެ. ސުޕްރީމް ކޯޓަށް މައްސަލަ އައުމުން މި އަހަރުގެ ތެރޭގައި އެ ކޯޓުން ވެސް ވަނީ ހައި ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަމަށް ކަނޑައަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    އިބުރާއަށް އެއްވެސް އެއްޗެއްދޭން ނުޖެހޭނެ.އެތަނަމަރާމަތު ކުރީވެސް ދަވްލަތުގެ ފަރާތުން ދިން 3 މިލިއަން ރުފަިޔާގެ ލޯނަކުން އަދިވެސް އެފައިސަ ދައްކަ ނުނިމޭ.