ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ބޭނުން ކުރުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިމާރާތް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ދޭން ނިންމައިފިއެވެ.

އެފްއޭއެމްގެ އިމަރާތް އެޗްޕީއޭއަށް ދިނުމަށް ނިންމާފައިވާ ކަން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

އެގޮތުން ބައްސާމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، އެ އިމާރާތް އިންސްޕެކްޓް ކުރައްވަން ނައިބު ރައީސް ފައިސަލް ނަސީމް އާއި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ އިތުރުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އާއި އެޗްޕީއޭގެ ބޭފުޅުން ވަޑައިގެންނެވި ކަމަށެވެ. އަދި އެފަދަ ދަނޑިވަޅެއްގައި އެހީތެރިކަން ފޯރުކޮށްދެއްވުމަކީ ފުޓްބޯޅަ އާއިލާއަށް ލިބޭ ޝަރަފެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެފްއޭއެމްގެ އިމާރާތް އެޗްޕީއޭއަށް ދޭން ނިންމާފައިވާއިރު، މިހާރު ބޭނުން ކުރަމުން އަންނަ ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީ ފުރިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ހާމަ ކޮށްފައެވެ.

މިހާރު ރާއްޖޭގައި 7109 މީހުން ކޮވިޑް ބަލި މީހުންގެ ތެރޭގައި އެބަތިއްބެވެ. އޭގެތެރެއިން 198 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދަނީ ހޮސްޕިޓަލްގައި ފަރުވާ ދޭން ނުޖެހޭ ނަމަވެސް ސިއްހީ ހާލަތު ހުރިގޮތުން އިތުރަށް ބަލަހައްޓަން ޖެހޭ މީހުންނާއި، ދިރިއުޅޭ ތަނުގައި އެހެން މީހުންނާއި އެކަހެރި ވެގެން ތިބެވެން ނެތް މީހުންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްތަކަށް ބާރު ބޮޑުވަމުން އަންނައިރު ހުޅުމާލޭ ފެސިލިޓީގައި ހުންނަ 248 އެނދުގެ ތެރެއިން 171 އެނދުގައި މިހާރު ބަލި މީހުން އެޑްމިޓް ކޮށްފައި އެބަތިއްބެވެ. އެހެންކަމުން ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ %68 މިހާރު ވަނީ ފުރިފައެވެ.