އިއްޔެ ރާއްޖެއިން ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވިއިރު، އޭގެ ތޭރަގައި 80 ކުއްޖަކު ހިމެނޭ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން އިއްޔެ ކޮވިޑަށް ފައްސިވެފައި ވަނީ 734 މީހެކެވެ. އެ މީހުންގެ ތެރެއިން 540 މީހުން ފައްސިވީ މާލެއިންނެވެ. 186 މީހުން އަތޮޅުތެރެއިން ފައްސިވިއިރު، ރިސޯޓްތަކުން 07 މީހުން އަދި އިންޑަސްޓްރިއަލް ރަށްތަކުން އެކަކު ފައްސިވިއެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް ނުރައްކާ މިންވަރަކަށް އިތުރުވެފައިވާއިރު، މިއަދު ޑރ. ނިޔާފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިއްޔެ އެކަނި ރާއްޖެެއިން 80 އަށްވުރެ ގިނަ ކުދިން ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

އަދި އެ ކުދިންނަކީ މިވަގުތު ވެކްސިން ޖެހޭ އުމުރުގެ ކުދިން ނޫން ކަމަށްވެސް ޑރ. ނިޔާފް ވިދާޅުވިއެވެ.

"ގިނަ މިފަދަ ވޭދަނަތަކަކީ އާއިލާ މީހަކާއި ގާތުން އެއްތާވުމުގެ ސަބަބުން ކޮވިޑަށް ފައްސިވާ ކުދިން، އަޅުގަނޑުމެންނަށް އެ ކުދިން ރައްކާތެރިކުރެވޭނީ އަޅުގަނޑުމެން ރައްކާތެރިވެ ތިބެގެން، އަޅުގަނޑުމެން މި އުޅޭ ހިރާސް އުޅުންތައް ދޫކޮށްލަން ޖެހޭ". ޑރ. ނިޔާފްގެ ޓްވީޓްގައި ވެެއެވެ.

މިހާރު ރާއްޖޭގައި 7109 މީހުން ކޮވިޑް ބަލި މީހުންގެ ތެރޭގައި އެބަތިއްބެވެ. އޭގެތެރެއިން 198 މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނައިރު، މިހާރު ވެސް ހޮސްޕިޓަލްތައް ފުރިދާނެ ކަމުގެ ބިރު ވަނީ ވަރަށް ބޮޑުވެފައެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި ތިން މީހަކު ފާއިތުވި 24 ގަޑިިއިރު ތެރޭގައި ވަނީ ނިޔާވެފައެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވިމީހުންގެ އަދަދުތައް ވަނީ 77 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލލ

    މީގެ އަހަރުތަކެއް ކުރިން ފެށިގެން ކޮންމެ އަހަރަކު ޑެންގީ ހުމާއި ޗިކަން ގުންޔާ ކިޔާއެއްޗެއް ރާއްޖޭގައި ކޮންމެ އަހަރަކު ފެންނާނެ، މިހާރު ކޮވިޑް ކިޔާއެއްޗެއް ފެންނަނީ !

    4
    1