ކޮވިޑް-19ގެ ގިނަ ވޭދަނަތަކެއް ފެންނަމުންދާ ލ. ގަމުގައި ކާފިއު އިއުލާނުކޮށްފި އެވެ.

ލ. ގަމުން މިހާތަނަށް 49 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އޭގެ ތެރެއިން މިއަދު ފައްސިވި ހަތަރު މީހުން ހިމެނެއެވެ.

އެރަށުގައި ކޮވިޑް ފެތުރެމުންދާތީ އެރަށު ކައުންސިލުން ވަނީ ރަށުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

ކޮވިޑް-19ގެ އަދާހަމަ ހިއްސާކުރުމަށް ގަމު ކައުންސިލުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުމެއްގައި ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް ވިދާޅުވީ،މާދަމާ ރޭގެ 9:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިއު އިއުލާނު ކުރުމަށް ނިންމާފައިވާ ކަމަށާއި، އެހެންކަމުން ހާއްސަ ހުއްދަ ލިބިފައިވާ ފަރާތްތަަކަށް ނޫނީ މަގުމަތީގައި ނޫޅެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދު ކުރަނީ މިކަމުގައިވެސް ރައްޔިތުންގެ ފަރާތުން މިހާރު ލިބެމުންދާ އެއްބާރުލުން އަޅުގަނޑުމެންނަށް ލިބޭނެ ކަަމަށް"

އޭނާ ވިދާޅުވީ، މި ފިޔަވަޅުތަކަކީ މިހާރު ފައްސިވަމުންދާ ރޭޓާއި، އެ މީހުންނާއި ގާތުން އެއްތާވި މީހުންގެ ރޭޓަށް ބަލާފައި އެޅި ފިޔަަވަޅުތަކެއް ކަމަށެެވެ.

ޝިޔާމް ވިދާޅުވީ، މިވަގުތު އެރަށުގައި 1056 މީހަކު ކަރަންޓީންގައި އެބަތިބި ކަމަށެވެ. އެއީ 183 ގެއެވެ. ކަރަންޓީންގައި ތިބި މީހުންގެ ތެރޭގައި 15 މާބަނޑު އަންހެނުންނާއި އުމުރުން ދުވަސްވީ 59 މީހުންނާއި، 12 އަހަރުން ދަށުގެ 253 ކުދިން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދާއިމީ ބައްޔަށް ބޭސްކުރާ 115 ފަރާތެއް އެބަ ތިބި ކަަމަށްވެސް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާލި

    ދުނިޔޭގައި ކޮންމެ އަހަރަކު އެންމެ ގިނަމީހުން މަރުވާ އެއްޗަކީ މަސްތުވާތަކެތި ޤައުމު ތަކުން މިމަސްތުވާތަކެތި ކޮންޓުރޯލް ކުރުން މާބުއްދިވެރި ! މަސްތުވާ ތަކެއްޗަކީ ކޮވިޑަށް ވުރެންވެސް ނުރައްކާ ވަބާއެއް !

  2. އަބްސީ

    މުޅިޤައުމު ހަލާކު ކޮޢްލައިފި އެޗްޕީއޭއިން. މި އެންމެން ޝަރީޢަތަށް ގެންދަން ޖެހޭ. އެހެންމީހުންގެ ބޮލުގަ އަޅުވާފަ ސަލާމަތެއް ނުވެވޭނެ، ވޯޓަށް ޤައުމު ހުޅުވާލީ ހަމަ އެޗްޕީއޭއިން