ޅ. ނައިފަރުގައި އުމުރުން 97 އަހަރުގެ އަންހެނަކު ކޮވިޑް-19 ޖެހިގެން ނިޔާވެއްޖެ އެވެ. މިއީ ރާއްޖެއިން މިއަދު އެ ބަލީގައި ނިޔާވި ފަސް ވަނަ މީހާ އެވެ.

އަދި މިއީ ނައިފަރުން އެ ބަލީގައި މިއަދު ނިޔާވި ދެ ވަނަ މީހާ އެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން މިރޭ ނައިފަރުން ނިޔާވި މީހާއަށް އެރަށު ހޮސްޕިޓަލްފައި ފަރުވާދެމުންދާތާ ހަތަރު ދުވަސް ވެއްޖެ އެވެ.

އަދި އޭނާގެ ކޮވިޑް ޓެސްޓު ހަދަން ފުރަތަމަ މާލެ ފޮނުވި ސުންކުގެ ނަތީޖާ ވަނީ ހަތަރު ދުވަސް ފަހުން ގެއްލިފައެވެ.

އެ ސުންކު ގެއްލުނު ކަން އެނގުނީ އާއިލާއިން އެޗްޕީއޭއަށް ގުޅައިގެން މައްސަލަ ޖެއްސިތާ ދެ ދުވަސް ފަހުންނެވެ.

އެނގިފައިވާގޮތުން އެއިރު ނައިފަރު ހޮސްޕިޓަލުން މާލެއަށް ސުންކު ފޮނުވިއިރު ބުނެފައި ވަނީ އެއީ ސީރިއަސް ވޭދަނައެއް ނޫން ކަމަށެވެ. ނަމަވެސް އެ މީހާއަށް އޮކްސިޖަން ދޭތާވެސް ދެ ދުވަސް ވަނީ ވެފައެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ދެވަނަ ފަހަރަށް ސުންކު ނަގާ މާލެ އަށް މިއަދު ފޮނުވައިގެން ނަތީޖާ ލިބުނީ އެ މީހާ ނިޔާވި ފަހުންނެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް ބަލީގައި މީހަކު ނިޔާވެފައި ވަނީ ރޭގެ ވަގުތެއްގައެވެ. ރޭ 3:38 ހާއިރު ނިޔާވެފައި ވަނީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. އެއީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ކޮލަމާފުށި އަންހެނެކެވެ. އޭގެ ފަހުން މިއަދު މެންދުރު ނައިފަރު ހޮސްޕިޓަލްގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ. އެއީ 83 އަހަރުގެ ފިރިހެނެކެވެ.

އޭގެ ފަހުން މިއަދު ހަވީރު ހާއިރު އއ، ރަސްދޫގައި އެކަހެރިކޮށްފައި ހުރި އުމުރުން 61 އަހަރުގެ އިންޑިއާ މީހަކު ވަނީ ނިޔާވެފައެވެ.

އޭގެ ފަހުން މިރޭ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކުވެސް ވަނީ ނިޔާވެފައެވެ.

މިއަދަކީ މިއީ ރާއްޖޭގައި ކޮވިޑް ބަލީގައި އެންމެ ގިނަބަޔަކު ނިޔާވި ދުވަހެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ބަލީގައި ގިނަބަޔަކު ނިޔާވަމުންދާއިރު، އެ ބައްޔަށް ފައްސިވަމުންދާ އަދަދުތައް ދަނީ ރެކޯޑް މިންވަރަކަށް އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އަނބި

  ލޮކްޑައުން ޕްލީޒް

  19
  5
 2. ސައްތާރުބޭ

  މައިމޫނާ ޒިންމާވާން ޖެހޭ، މި ސަރުކާރު ރުއްސަން ހަދައިގެން ބޯ ބޮނޑިމީ...

 3. މަގޭ

  ފުރަތަމަ އިންޑިއާމީހުން އަޔުން ހުއްޓުވަބަލަ ސައްވިސް ގަޑީރު ލޮކްޑައުން ކޮއްގެން މިކަމެއްނުވާވެ ބުރޯ

 4. ކޮވިޑް

  އިންޑިއާއިން އަންނަ ފްލައިޓްތައް ހުއްޓުވާކައްނުވޭހޭ

 5. ރައްޔިތުން

  ބޯޑަރު ބަންދު ކޮއް ލޯކަލް ޓުވަރިޒަމް ހުއްޓާލާކައް ނުވޭތޯ؟ ޑޮލަރަށް ވުރެ މުހިންމީ ރައްޔިތުން ގެ ފުރާނަ. ސަރުކާރު އަސްތިއުފާދީ. މައިމޫނާ ގެތައް ވަޑައިގަންނަވާ. ނުވާވަރު ކަންކަމާ ހަވާލުވެ ރައްޔިތުން ފަނާކޮއްފި