ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ނިރުބަވެރި ހަމަލާގައި އެމަނިކުފާނު ޒަހަމްވެވަޑައިގަތުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެން ނަޝީދުގެ ހާލުކޮޅު ބައްލަވައިފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ސަލާމަތީ ބާރުތަކުގެ ފުރިހަމަ ހިމާޔަތާ އެކު، ރައީސް ސޯލިހް އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންނެވީ ނަޝީދު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. މިވަގުތު ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަށްވެއެވެ.

ރައީސް ސޯލިހް އޭޑީކޭ ހޮސްޕިޓަލްގައި ގާތްގަނޑަކަށް ގަޑިއިރެއްހާ އިރު މަޑުކުރެއްވިއެވެ.

ރައީސް ސޯލިހް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭ ނީލޯފަރުމަގުގައި ބާރުގަދަ އެއްޗެއް ގޮވައި ރައީސް މުޙައްމަދު ނަޝީދަށް ލިބުނު އަނިޔާ އަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ. މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.