ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މާފުށީ ޖަލަށް މިއަދު ބަދަލުކޮށްފިއެވެ.

މައުމޫން މާފުށީ ޖަލަށް ބަދަލުކޮށްފައިވަނީ ތަހްޤީގަށް ފޯނު ނުދިން މައްސަލައިގައި ކޮށްފައިވާ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރުމާ ގުޅިގެންނެވެ.

މި ހުކުމް ކުރުމުގެ ކުރިން މައުމޫން ހުންނެވީ ދޫނިދޫ ޖަލުގައެވެ.

މައުމޫންގެ އިތުރުން މި ދައުވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް ވަނީ ސާބިތުވެފައެވެ.

މީގެއިތުރުން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ މި ތިން ބޭފުޅުންނަށް ދީނީ ނަސޭހަތް ދިނުމުގެ ހުއްދައާއި ގާނޫނީ ވަކީލުކަމުގެ ހުއްދަ ވެސް ބާތިލުކުރުމަށް ނިންމާފައެވެ.

މި ދައުވާ ސާބިތުވިއިރު މައުމޫންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައެވެ. އެ މައްސަލައިގެ ޝަރީއަތް ވެސް ކޯޓުގައި މިހާރު އަންނަނީ ހިނގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މައުމޫން މާފުށީ ޖަލުގައި ބެހެއްޓުމަކީ ރަނގަޅުކަމެއްނޫން... ޖަލުގައި ހަމަ ނުޖެހުން އުފެދިގެން މައުމޫނުގެ ވިދާޅުވިހެން ފަޒާއަށް ބިޑަޖަހަން ޖެހޭ ހިސާބަށް ކަންކަން ހިނގައްޖެ ނަމަ ވަރަށް ގޯސްވާނެ

  2. ޝާފިޢާ

    ތަފާތެއް އޮވެގެނެއްނުވާނެ! ޖަލުޙުކުމުގައި އަލިރަސްއެކޭ އަނދިރިރަސްއެކޭ އެއްވަރުވަންވާނެ! ކެއިންބުއިމުގަޔާ ނިދުމުގަވެސް އެއްގޮތެއް އޮންނަންވާނެ!

  3. މޮންޓް

    ގުދުރަތުން މަމޫނަށް މިދެއްކީ އަވަށްރީތި މަންޒަރެއް. އަމިއްލައަށް ބިނާކުރި ޖަލުތަކުގެ ޙަޤީޤަތްބަލާލަން ކޮންފަދަ ނަޞީބެއްތޯ؟