ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށާއި އެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މިރޭގެ ވަގުތެއްގައި ހަމަލާ ދީފައިވަނީ އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރުއްވަން އުޅުއްވަނިކޮށެވެ. އެމަނިކުފާނަށް މިހާރު އޭޑީކޭގައި ފަރުވާ ދެމުންދާއިރު، ރައީސް ޞާލިޙް ވަނީ އޭޑީއޭއަށް ވަޑައިގެން ރައީސް ނަޝީދުގެ އަރިހަށް ޒިޔާރަތް ކުރައްވައިފައެވެ.

އެއަށް ފަހު ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާއަށް އޭޑީކޭގައި މިހާރު ފަރުވާ ދެމުން ގެންދާ ކަމަށާއި އެންމެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިރޭ ނަޝީދަށް ދިން ހަމާލާގައި އެެމަނިކުފާނުގެ ލޮލަށް ގެއްލުން ލިބިފައި ވާކަމަށާއި، ސާޖަރީގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުން ކަމަށް މައުލޫމާތު ލިބެެއެވެ.

މި ހަދިސާގައި ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ހަށިފާރަވެެރިޔަކަށާއި ބިދޭސީއަކަށް ވަނީ އަނިޔާވެފައެވެ. މި ހަމަލާ ދިން ސަރަހައްދުގައި ފުލުހުންނާއި ސިފައިން މިހާރު އަަންނަނީ ހަރަަކާތްތެރިވަމުންނެވެ. މިއާއެކު ސިފައިންގެ އެލާޓް ވެސް ވަނީ މަތިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު