ރިޔާސީ އިންތިހާބުގެ މޮނިޓަރުންނަށް ވުމަށް އެދުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ހަބަރު ފަތުރާ އިދާރާތަކުން، ރިޔާސީ އިންތިހާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މޮނީޓަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ހުއްދަ ދޭނީ ކޮމިޝަނުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް އެކަނި ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

މޮނީޓަރުންނަށް ވާން ބޭނުންވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުމާއި ޖިނާއީ ކުށެއްގައި ހުކުމު ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުމާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގައި ރަޖިސްޓަރީ ކޮށްފައިވާ ރޭޑިއޯ އަދި ޓީވީ ސްޓޭޝަންގައި މަސައްކަތް ކުރާ މީހެއްކަން އަދި ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުމާއި، ބައިނަލްއަޤްވާމީ މީޑިއާއެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން ހިމެނެއެވެ.

މީގެ އިތުރުން، މޮނީޓަރަކަށް ވާން އެދޭ މީހާއަކީ، ރިޔާސީ އިންތިޚާބާ ބެހޭ މަސައްކަތެއްގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއްކަމުގައި ނުވުންވެސް ލާޒިމްކޮށްފައި ވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި ގޮތުގައި ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރުކުރުމަށް ޝައުގުވެރިވާ ނޫސް އޭޖެންސީތަކަށް ފާސް ދޫކުރެވޭނީ ބަހައްޓާ ވޯޓު ފޮށީގެ އަދަދަށްވުރެ 10 އިންސައްތަ އިތުރު ނުވާ ގޮތަށް ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު