ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން އެމަނިކުފާނު ޒަހަމްވެވަޑައިގެންނެވި އިރު، ނަޝީދަށް ފަރުވާ ދެމުން އަންނަނީ ހޭނައްތައިގެން ކަން "ވަގުތަށް" ކަށަވަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި ނަޝީދަށް ހަމަލާދީފައި ވަނީ، މަޖީދީ މަގާއި ނީލޯފަރު ހިނގުން ގުޅޭ ކަންމަތީގައި މިރޭ 20:30 ހާއިރެވެ. އެ ހަމަލާ ދީފައި ވަނީ ކެނެރީގެ އިން ނުކުންނަވައި، ހިންގަވާފައި ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ. މި ހަމަލާގައި ނަޝީދާ އެކު، ތިއްބެވި ތިން ހަށިފާރިވެރިންނަށް ވެސް ފަރުވާ ދެމުންދާ އިރު، އޭގެ ތެރެއިން އެކަކު ވަނީ ދޫކޮށްލައިފައެވެ. އަނެއް ދެ މީހުންނަށް ފަރުވާދެމުންދާ އިރު، އެމީހުންގެ ހާލު ރަނގަޅެވެ.

ނަޝީދާއި ސިފައިންގެ އިތުރުން ބައެއް އާންމުންނަށް ވެސް އަނިޔާވެގެން ފަރުވާ ދޭން ޖެހުނު ކަން އެނގިފައިވެއެވެ.

ނިރުބަވެރި ހަމަލައާ ގުޅިގެން ނަޝީދަށް މިވަގުތު ފަރުވާދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލްގައެވެ.

އެނގިފައިވާ ގޮތުގައި މި ނިރުބަވެރި ހަމަލާގައި ނަޝީދުގެ ބޭރު ފުށުން ވަރަށް ގިނަ ޒަހަމްތައް ފެންނަން ހުއްޓެވެ. އެގޮތުން އެމަނިކުފާނުގެ އިސްތަށިފުޅާއި ހަށިކޮޅުގައި ވެސް ޒަހަމްތައް ހުއްޓެވެ. ބައެއް ޒަހަމްތައް ފަހައި، އަނެއް ބައި ޒަހަމްތަކުގައި ވަނީ ބޭސް އަޅައިފައެވެ.

ޒަހަމްތައް ގިނަކަމުން ފަރުވާ ދެނީ ހޭނައްތައިގެން ކަން އެނގިފައިވާ އިރު، ނަޝީދުގެ އެތެރެހައްޓަށް ގެއްލުމެއް ނުވެއެވެ.

"އޭޑިކޭގައި މިހާރު ސާޖަރީއެއް ފުރިހަމަ ކުރަމުން އެބަގެންދޭ. ސާޖަރީ ކުރިއަށް ގެންދަނީ ހޭނައްތައިގެން. ހޭނެއްތުމުގެ ކުރިން ވާހަކަ ވެސް ދެއްކެވި. ހަރަކާތް ވެސް ކުރެއްވި. ހާލު ރަނގަޅު. އެކަމަކު ޒަހަމްތައް ވަރަށް ގިނަ،" ނަޝީދުގެ އަރިސް ބޭފުޅަކު ވިދާޅުވިއެވެ.

އޭޑީކޭ އިން ވިދާޅުވީ ގިނަ ޒަހަމްތަކަކާ އެކު ނަޝީދު ހޮސްޕިޓަލަށް ގެނައީ މިރޭ 8:30 ގައި ކަމަށާއި މިހާރު ފަރުވާދެމުން ގެންދާއިރު ހާލަތު ސްޓޭބުލް ކަމަށެވެ. އަދި މިކަމާ ބެހޭ ގޮތުން ފަހުން ތަފްސީލް ދޭނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވިދާޅުވިއެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ވަރަށް ގިނަ ފަރާތްތަކުން ވަނީ ކުށްވެރިކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑޯޒް

    ޑްރާމާ ދޯ

    16
    4
  2. ޑޯޒް

    ޢަބަދަ ކު ހަމަ ހޭގަ ހުންނާ ކަށް ނުޖެހޭނެ ދޯ؟

    12
    4
  3. ޚޮންމެސް މީހެއް

    ބޮލުގަ ފަތްނެތް މަނިކުފާނެއްގެ އިސްތަށިފުޅަށް ލިބުނު އަނިޔާއަކީ ކޮބައިތޯ؟

    13
    4