މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ދިއްދޫ ދާއިރާ އިން މިރޭ ރައީސް ނަޝީދަށް ދިން ހަމަލާ ކުށްވެރިކޮށްފިއެެވެ.

ދިއްދޫ ދާއިރާގެ އެމްޑީޕީ ގޮފިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމްޑީޕީގެ ރައީސް އަށް އަމާޒުކޮށް ދިން ހަމަލާ ދާއިރާގެ އެންމެހައި މެމްބަރުގެ ނަމުގައި ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

”މި ހަމަލާ އިން އެނގިގެން ދަނީ ހައްދުފަހަނަ އަޅާފައި ތިބި މީހުންގެ ނުރައްކާ މި ރާއްޖޭގައި ދިރިއުޅެމުންދާ އެންމެހައި ފަރާތްތަކަށް އޮތް މިންވަރެވެ." އެ ބަޔާނުގައި ވެއެވެ.

ހއ. ދިއްދޫ އެމްޑީޕީ ދާއިރާގެ ނައިބު ރައީސް މުހައްމަދު ނައީމް - ވަގުތު އިމޭޖަސް | އިބްރާހިމް ޝާބިލް

މިރޭ ދިން ފިނޑި ހަމަލާގެ ސަބަބުން ރައީސް ނަޝީދު ކުރައްވަމުން ގެންދާ މަސައްކަތުގައި އެ ޕާޓީގެ އިތުރުން ދާއިރާގެ މެމްބަރުން ވެސް ފަހަތަށް ނުޖެހޭނެކަން ބަޔާން ކުރަމުން ދިއްދޫ އެމްޑީޕީ ގޮފިން އިތުރަށް ބުނެފައި ވަނީ ރައީސް ނަޝީދާއި ހަމަލާގައި އަނިޔާގައި އެންމެހައި ފަރާތްތަކަށް އަވަސް ޝިފާ އަކަށް އެދޭ ކަމަށެވެ.

ނަޝީދު ދިރިއުޅުއްވާ ގެ ކައިރިން މިރޭ ދިން ހަމަލާ ރާއްޖޭގެ ހުރިހާ ސިޔާސީ ފަރާތްތަކުންނާއި ބޭރުގެ އިސް ފަރާތްތަކުން ވެސް ކުށްވެރި ކުރަމުން އަންނައިރު ދިއްދޫ ގޮފިން ނެރުނު ބަޔާނުގައި ވަނީ މިހަމަލާ ދީފައި މިވަނީ ނަޝީދު އެމްއެމްޕީއާރްސީގެ ހިޔާނާތާއި ހައްދުފަހަނަ އަޅައިދިއުން ހުއްޓުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި ފާހަގަކޮށްފައެވެ.