ފުވައްމުލަކު ސިޓީން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 16 އަށް އަރައިފިއެވެ.

އެ ސިޓީގެ ހޮސްޕިޓަލުން މިއަދު ވިދާޅުވީ މި ފަހުން ފުވައްމުލަކުން ފެނުނު ފުރަތަމަ ކޮވިޑް ވޭދަނައާ ގުޅިގެން ނެގި ކޮންޓެކްޓް ޓްރޭސިން ސުންކުތަކުގެ ތެރެެއިން މިހާތަނަށް 13 ސުންކެއް ފައްސިވެފައިވާ ކަމަށެވެ. އަދި އިތުރު ދެ މީހަކާއެކު އަދަދު ވަނީ 16 އަށް އަރައިފައެވެ.

ފުވައްމުލަކުން ކޮވިޑްގެ ވޭދަނަތައް ފެނުމާ ގުޅިގެން އެއްވެސް ވޭދަނައަކާ ކޮންޓެކްޓްވެފައިވާ ނަމަ، ފްލޫ ކްލިނިކަށް ދައްކަން ދިއުމުގެ ބަދަލުގައި ކޮންޓެކްޓް ޓްރޭސިން ހޮޓްލައިން ނަންބަރަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުވައްމުލަކު ހޮސްޕިޓަލުން އެދެއެވެ.

މި ދަނޑިވަޅުގައި ރައްޔިތުން ހާސްވެ، ކަންބޮޑުނުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަމިއްލަ އަށް އަޅައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފަ އާއި އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް ވެސް ފުވައްމުލަކު ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.

އެރަށުން އެންމެ ފުރަތަމަ ފައްސިވެފައި ވަނީ އެ ސިޓީގެ ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. އެއީ ރޯގާގެ އަލާމާތް ހުރުމުގެ ސަބަބުން އެ ރަށުގެ ފްލޫ ކްލިނިކަށް ބުދަ ދުވަހުގެ ވަގުތެއްގައި ދެއްކި މީހެކެވެ. މި ވޭދަނައާ ގުޅިގެން އެ ސިޓީއަށް އަރާފާ ފޭބުން ވަނީ މަނާކޮށްފައެވެ.

އަދި 30 އަށް ވުރެ ގިނަ ގެ ވަނީ ކަރަންޓީންކޮށްފައެވެ.