ޏ. ފުވައްމުލައްް ސިޓީ އާއި އައްޑޫ ސިޓގެ ސްކޫލްތަކާއި ރެސްޓޯރެންޓްތައް ބަންދު ކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ.

ފުވައްމުލަކާއި އައްޑޫގައިގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވަނީ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވަމުން އަންނާތީ ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

އެގޮތުން އެ ދެ ސިޓީގައި އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ބަލާއިރު، އައްޑޫ އާއި ފުވައްމުލަކުގެ ސްކޫލްތަކާއި ރެސްޓޯރެންޓްތައް ބަންދު ކުރުމަށް ވެސް ވަނީ އަންގާފައެވެ. އަދި މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ރޭގަނޑު 21:00 އިން ފެށިގެން ފަތިހު 4:00 އަށް އައްޑުގައި ކާފިއު ހިންގުމަށް ވަނީ ނިންމާފައެވެ. އަދި މި ވަގުތުގައި ފުވައްމުލަކުގައި ވެސް ކާފިއު ހިންގުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އައްޑޫގެ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއްގައި ނޫނީ ދަތުރު ނުކުރުމަށް ވެސް ވަނީ އަންގާފައެވެ.

އައްޑޫއިން މިހާތަނަށް 37 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 16 މީހުންނަކީ ހުޅުމީދޫއިން ފައްސިވެފައިވާ މީހުންނެވެ. އަދި ފުވައްމުލަކު ސިޓީން ވެސް 16 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.