ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިން މީހުން ހޯދަން އެހީވާން ތައްޔާރަށް އޮތް ކަމަށް އެމެރިކާއިން ބުނެފިއެވެ.

ނަޝީދަށް ހަމަލާދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ގ.ކެނެރީގެއިން ނިކުމެވަޑައިގެން މަޖީދީ މަގުގައި އޮތް ކާރު ކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް އެސަރަހައްދުގައި ޕާކު ކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން އެއްޗެއް ގޮއްވާލައިގެންނެވެ.

މި ހަމަލާގައި ނަޝީދަށް އެކި ކަހަލަ ޒަހަމްތަކެއް ލިބުނު ނަމަވެސް، މިހާރު އޭޑީކޭގައި ވަނީ ފަރުވާ ދީފައެވެ. އެހެން ނަމަވެސް ނަޝީދުގެ ހާލުކޮޅު ސީރިއަސް ކަމަށާއި އިތުރު ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ.

މި ހަމަލާއާއި ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުންގެ ދެކުނު އޭޝިއާއާ ބެހޭ ޑިވިޝަނުން ކުރި ޓްވީޓެއްގައިވަނީ ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

އެކަމުގައި ދިވެހި ސަރުކާރާއިއެކު އެމެރިކާ ދެމި އޮތް ކަމަށާއި ހަމަލާ ދިނުމުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި އެހީތެރިވާން ތައްޔާރަށް އޮތް ކަމަށް ވެސް އެޓްވީޓްގައިި ވަނީ ބުނެފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ ގިނަ ސިޔާސީ ބޭފުޅުންތަކެއް ކުށްވެރި ކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ރޭ ގައުމާ މުހާތަބު ކުރައްވާ ވިދާޅުވީ، އެކަން ހިނގައިދިޔަ ގޮތް ބެލުމަށް އޮސްޓްރޭލިއާގެ ފުލުހުންގެ ޓީމެއް ރާއްޖެ އަންނާނެ ކަމަށެވެ.

މިހަމަލާ އާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިވާ ކަމަކަށް ފުލުހުން ވިދާޅެއް ނުވެއެވެ. ނަމަވެސް ހަތަރު މީހަކު ސަމާލުކަމަށް އައިސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙަސަނު

    ޠާލިބާނުންގެ އަތްދަށުވެ ލަދުވެތިކޮށް ބަލިވެފަތިބި ބައެއް ކޮންމެހެން ދަލުބޭރުން ޖެހިގެން އުޅޭނެ ކަމެއް ނެތް އެހެން ނޫނަސް ތީ ކަމެއް ވާބައެއް ނޫން ކޭސް ސޯލްވް ނުވީމަ ޑްރާމާ ޖައްސާބައެއް ކަނޑު ފައްތާވީމޭ ކިޔާފަ

  2. ޙިބީރު74

    އިބޫ އިސްތުފާ
    އަސްލަމް އިސްތިއުފާ
    މާ ރިޔާ އިސްތިއުފާ
    ސީޕީ ހަމީދު އިސްތިއުފާ
    ޖެނެ ރަލް ޝަމާލު އިސްތިއުފާ
    މިކަމަށް ހަ ރަދުކު ރި ބަޔަކުވެސް ތިބޭނެ އަދި ހޯދޭނެ.

    1
    1
  3. ޥަގުޔާނު

    ސާބަސް އެމެ ރިކާ! ޢައި ލަވް ޔޫ

  4. މުހައްމަދު

    އެބަބުނޭ ސީސީޓީވީގެ ފުޓޭޖް ވަރަށް ރަނގަޅަށް ފެންނަން ހުރި ވާހަކަ. ކޮންބައެއް ކަން ދެނެގެން ވާހަކަ ވެސް. ދެން ކޯއްޗެއް އިތުރައް ސާފު ކުރަން އަންނަ ބައެއްބާތީ.. އެއައް ފޮނި ތޮށި ކާފޫރު ތޮޅި އަޅަން ރާއްޖޭގައި މިހާރު ތިބި މީހުން ވެސް ވަކި ދެރައެއްނުވާނެ.