މިހާރު ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުންދާ ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތުގެ ރައްޔިތުން ދަތުރުކުރުން އެންމެ ނުރައްކާ ގައުމުތައް ހިމަނާފައި އޮންނަ "ރަތް ލިސްޓަށް" އިނގިރޭސިވިލާތުން ދިވެހިރާއްޖެ އިތުރުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ރަތް ލިސްޓްގައި ރާއްޖެ ހިމެނިކަން އިއުލާންކޮށްފައި ވަނީ މީގެ އިރުކޮޅެއް ކުރިންނެވެ.

ރާއްޖޭގެ އިތުރުން ތުރުކީ ވެސް ވަނީ ލިސްޓަށް އިތުރުކޮށްފައެވެ. މިހާރު ރަތް ލިސްޓްގައި 43 ގައުމެއް އިނގިރޭސިވިލާތުން ވަނީ ހިމަނާފައެވެ.

މިގައުމުތަކަށް ދަތުރުކުރުމަށް ފަހު އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ފިޔަވައި އެހެން ގައުމުތަކުގެ މީހުންނަށް އިނގިރޭސިވިލާތައް އެތެރެއެއް ނުވެވޭނެއެވެ. އެހެންކަމުން އިނގިރޭސިވިލާތައް ވެސް ދިވެހިންނަށް ދެން އެތެރެވެވޭނީ އެހެން ގައުމެއްގައި 14 ދުވަހު ކަރަންޓީން ވުމަށް ފަހުއެވެ.

ރަތް ލިސްޓްގައި އޮތް ގައުމަކަށް ދަތުރު ކުރުމަށް ފަހު އެނބުރި އިނގިރޭސިވިލާތައް ދަތުރުކުރާ އެގައުމުގެ މީހުން ކަރަންޓީން ވުން މަޖުބޫރު ވާނެއެވެ. ކަރަންޓީން ވާން ޖެހޭނީ ވެސް އިނގިރޭސިވިލާތުގެ ސަރުކާރުން ކަނޑައަޅާފައި ހުންނަ ހޮޓަލެއްގައެވެ. އެހޮޓަލަށް ފައިސާ ދައްކަން ޖެހޭނީ އަމިއްލައަށެވެ.

އިނގިރޭސިވިލާތުން ފުރަތަމަ ރަތް ލިސްޓް އެކުލަވާލިއިރު ވެސް ރާއްޖެ އެލިސްޓްގައި އޮތެވެ. ނަމަވެސް ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވާން ފެށުމުން ފަހުން ވަނީ ރާއްޖެ އަކީ ދަތުރުކުރުން ރައްކާތެރި ގައުމެއްގެ ގޮތުގައި ކަނޑައަޅަފައެވެ. މިހާރު އަނެއްކާވެސް އިނގިރޭސިވިލާތުގެ ރަތް ލިސްޓަށް ރާއްޖެ ލާފައި މިވަނީ ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެޖެންޑާ2021

    މިޤައުމުގަ ކޮވިޑު ފެތުރެނީ އަމީނުބައި ހުރީމަ
    ކަމަށް ބަލައި ވެންޓިލޭޓަރއޭ ގުންޑާއޭކިޔައިފަ
    މަޤާމުން ދުރުކޮށް ނަސީމުބައި އަށް އެމަޤާމު
    ދިނީމަ ކަނޑުން ބާންޏެއްލާހެންވެސްހީނުވާހާ
    ވަރުވެއްޖެ.ނަސީމުބައި އެއީ އުޅޭކުއްޖެއްބާ؟

  2. ހުސޭނު

    ނިކަން ހަފްތާއަކަށް ލޮކު ކޮށްބަލަ. މިގައުމު މިކަމުން ސަލާމަތްވެ ނޭވާލެވިދާނެ